ދައުލަތުގެ އޮފީސްތަކުން އަހަރު ނިމުމުން، އެއޮފީހެއްގެ އަހަރީ މާލީ ބަޔާން ތައްޔާރުކޮށް، ހިނގާ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަންވާނެއެވެ. އެ ބަޔާނުގައި ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. (MG/BC20)
- ލިބުނު ފައިސާގެ ޚުލާޞާ (އެކި ބައިތަކަށް ލިބުނު ފައިސާގެ އަދަދުގެ ޖުމުލަ ވަކިވަކިން އެނގޭގޮތަށް)
- ޚަރަދު ނުވަތަ ދޫކުރެވުނު ފައިސާގެ ޚުލާޞާ (އެކި ބައިތަކަށް ޚަރަދުކުރެވުނު ފައިސާގެ ޖުމުލަ އަދަދު ވަކިވަކިން އެނގޭނެގޮތަށް)
- އަހަރުތެރޭގައި ލިބުނު އެއްޗަކަށްވުރެ އިތުރަށް އެ އަހަރު ޚަރަދުކުރެވުނު އަދަދު، ނުވަތަ އަހަރުތެރޭގައި ޚަރަދުކުރެވުނު އަދަދަށްވުރެ އަހަރުތެރޭގައި ލިބުނު އެއްޗެއް އިތުރުވާ އަދަދު.
- އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާގެ ތެރެއިން ދޭންޖެހޭ ފަރާތްތަކަށް ޑިސެންބަރުމަހުގެ 31 ގެ ނިޔަލަށް ނުދެވިހުރި ފައިސާގެ ތަފުސީލު.
- ދޭންޖެހޭ ފަރާތަށް ނުދެވި އެކައުންޓުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ފައިސާގެ ތަފުސީލު (ހަވާލުނުވެ ފާއިތުވެފައިވާ މުއްދަތު އަހަރުދުވަހަށް ބަހައި އަހަރުތައް ވަކިވާގޮތަށް)
- ރައުސުލްމާލެއްގެ ގޮތުގައި ނުވަތަ އެކުވެފައިވާ ފަންޑު (އެކިއުމިލޭޓެޑް ފަންޑް) ގެ ގޮތުގައި އަހަރުގެ ނިޔަލަށް އޮތް އަދަދު.
- ދަރަނީގެ ގޮތުގައި ފައިސާއެއް ހޯދާފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް އެއްޗެއް ދޭން އޮތްނަމަ، އޭގެ ތަފުސީލު.
- އެކައުންޓަށް ލިބުނު ފައިސާއިން ދައުލަތުގެ މުދަލުގެ ގޮތުގައި ހޯދާފައިވާ ތަކެތީގެ ލިސްޓު (އަގުތަކާއެކު)
- ލިބެންޖެހޭ އާމްދަނީއާއި އެނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާގެ ތަފުސީލު.
ދައުލަތުގެ މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ހިނގާ އަހަރުގެ ފެބުރުވަރީމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ އޮފީހެއްގެ މަސްއޫލު އޮފީހަށް ފޮނުވައި ނިންމަންވާނެއެވެ.
ދައުލަތުގެ މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގަމުންދާ އޮފީސްތަކުން ބަލަހައްޓާ ޓްރަސްޓް ފަންޑުފަދަ އެކިއެކި ފަންޑުތަކުގެ ނިމުނު މާލީއަހަރުގެ އަހަރީ ހިސާބުތައް (ލިބުނު ފައިސާއާއި ޚަރަދުގެ ހިސާބާއި، ބެލެންސްޝީޓް) މި މާއްދާގެ (ހ) ގައިވާ މަޢުލޫމާތު ހިމެނޭގޮތަށް، ޑިސެންބަރުމަހުގެ 31 ގެ ނިޔަލަށް ތައްޔާރުކޮށް ހިނގާ އަހަރުގެ ފެބުރުވަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ މަސްއޫލު އޮފީސްތަކަށް ފޮނުވަންވާނެއެވެ. މިފަދަ ހިސާބެއް ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގ، MG/BC22, MG/BC21 އަދި MG/BC23ގައި ވާނެއެވެ.