ދައުލަތުގެ އެންމެހައި ފައިސާ ބަހައްޓަންވާނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާއި އެއްގޮތަށް ހުޅުވާ އެކައުންޓެއްގައެވެ.
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާއެއްގޮތަށް އެކައުންޓެއް ހުޅުވޭނެ ގޮތެއް ނެތްނަމަ، އެ އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ އެކައުންޓަކަށް ފައިސާ ޖަމާކުރެވެންދެން ދައުލަތުގެ ފައިސާ ބަހައްޓަންވާނީ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއްގެމަތިން ތިޖޫރީއެއްފަދަ ތަޅުލެވިފައި ހުންނަ ރައްކާތެރި ތަނެއްގައެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކުން، ފައިސާ ދައްކަންޖެހޭ ގޮތަށް ޚަރަދެއް ކުރަންވާނީ، އެ އެކައުންޓުން އަދާކުރަންޖެހޭ ފައިސާ ބެހެއްޓުމަށްފަހު ބާކީ ފައިސާ ހުރިވަރަށްވުރެ އިތުރުނުވާ ގޮތެއްގެމަތިންނެވެ.
ދައުލަތުގެ ތަންތަނަށް ހޯދާ ހުރިހާ ފައިސާއަކާއި، ބަލައިގަންނަ ހުރިހާ ފައިސާއެއް ޖަމާކުރަންވާނީ ޕަބްލިކް ބޭންކް އެކައުންޓަށެވެ. ނުވަތަ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކަށެވެ. ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފައިސާ ބެހެއްޓުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގާ ގޮތެއްގެމަތިން އެކައުންޓަކަށް ފައިސާ ޖަމާކުރަންވާނެއެވެ.
ޕަބްލިކް ބޭންކް އެކައުންޓުގައި ހުންނަ ފައިސާއިން ޚަރަދުކުރެވޭނީ ނުވަތަ ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.
- ވަގުތުން ވަގުތަށް ބޭނުންނުވާ ފައިސާ އިންވެސްޓްކުރުމަށް.
- ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ފައިސާ ޚަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
- ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުން ފައިސާ ޚަރަދުކުރުމަށް ހުއްދަދޭ ލިޔުމުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށް.
- އެޑްވާންސް ފަންޑުން ފައިސާ ދޫކުރުމަށް.
- ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓެއްގައިވާ ގޮތުގެމަތިން ޓްރަސްޓް ފަންޑުން ފައިސާ ދޫކުރުމަށް.