ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.06 ފައިސާ ނަގައި ޖަމާކުރުމަށް ދެމުވައްޒަފުން ފޮނުވުން
  • ދައުލަތުގެ ތަންތަނުން -/25,000 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނަގާނަމަ، ނުވަތަ ޖަމާކުރާނަމަ، ފައިސާ ނަގަންވާނީ ނުވަތަ ޖަމާކުރަންވާނީ 2 މުވައްޒަފަކު ފޮނުވައިގެންނެވެ. މިގޮތުން ފޮނުވާ 2 މުވައްޒަފުންކުރެ އެކަކީ، ފައިސާ ނެގުމުގެ އައިޑެންޓިޓީކާޑު އޮތް މީހަކަށް ވާންވާނެއެވެ. ބޭރުފައިސާ ނެގުމުގައި ނުވަތަ ޖަމާކުރުމުގައި އޭގެ އަގު -/25,000 (ފަންސަވީސްހާސް) ރުފިޔާ ވާނަމަ، ޢަމަލުކުރާނީވެސް ހަމަ މިގޮތުގެމަތިންނެވެ.

  • ކޮންމެ އޮފީހަކުންވެސް ޗެކަށް ފައިސާ ނެގުމަށް ފޮނުވާ 2 މުވައްޒަފުންގެ އައިޑެންޓިޓީކާޑު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން ހައްދަންވާނެއެވެ. އެ އޮފީހެއްގެ މަސައްކަތްތައް ހުންނަ ގޮތުން 2 މުވައްޒަފުންނަށްވުރެ އިތުރު މުވައްޒަފަކަށް ކާޑު ހަދަން ބޭނުންވާނަމަ، މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން ކާޑު ހައްދާނީއެވެ.

  • ކާޑު ހަދާފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން ނުވަތަ އެހެން މަޤާމަކަށް ބަދަލުވުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ކާޑު ބާޠިލުކުރަންޖެހޭ ގޮތެއް މެދުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ އަތުން ވަގުތުން ކާޑު އަތުލައި، ކާޑު ބާޠިލުކުރަންޖެހުނު ސަބަބެއް ކާޑުގައި ލިޔެ، ކާޑު ބާޠިލުކުރުމަށްފަހު، ލަސްވެގެން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް އެކަން އަންގާ، އެ ކާޑު ފޮނުވަންވާނެއެވެ.

  • ފައިސާ ނަގަންދާ މުވައްޒަފުންނަށް އެތަނަކުން ހަދައިދީފައި އޮންނަ އައިޑެންޓިޓީކާޑު ފައިސާ ނަގަންދާ ވަގުތުގައި ނޫނީ އޮންނަންވާނީ އޮފީހުގެ ތިޖޫރީގައި ނުވަތަ އެފަދަ ރައްކާތެރި ތަޅުލެވޭ ތަނެއްގައެވެ.