ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.27 ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން
  • މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި މަސައްކަތެއް ހަވާލު ކުރެވޭނީ ތިރީގައިވާ އުސޫލުންނެވެ.

    1. ދައުލަތުން ކުރިޔާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތްތައް، އާންމުކޮށް ބީލަމަށް ހުޅުވައިނުލައި ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، އެ ކުންފުނިތަކުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެއެވެ.
    2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.
    3. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްގެން ނުވާނެއެވެ.
    4. މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް، މި ގަވާއިދުގެ 10.09 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން، ހަވާލުކުރެވޭ މަސައްކަތްތަކީ އިތުރު ދެވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިޔަށް ގެންދެވޭނެ މަސައްކަތެއް ނޫންކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަން ވާނެއެވެ.
    5. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން ޤާބިލު ފަރާތެއްކަން ކަށަވަރު ކުރަން ވާނެއެވެ.
    6. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މަޢުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10.09 ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.
  • މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޤައުމެއްގެ ހިލޭ އެހީ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކުގައި، އެ މަޝްރޫޢުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ނުވަތަ ލޯނު އެއްބަސްވުމުގައި، އެ އެހީ ނުވަތަ ލޯނު ދޭ ފަރާތަކުން، އެ މަޝްރޫޢުގެ މަސައްކަތްތައް ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ހުޅުވައިލައިގެން ކުރިޔަށް ގެންދިޔުމަށް ޝަރުޠުކޮށްފައިވާނަމަ، މި ގަވާއިދުގެ 10.09 ގެ ދަށުން ހުއްދަ ހޯދުމަށްފަހު، އެފަދަ ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރިޔަށް ގެންދެވިދާނެއެވެ

  • އަންސޮލިސިޓެޑް ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހެޅޭ ހާލަތުގައި، އެ ހުށަހެޅުމަކާމެދު ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.

  • މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން މަސައްކަތެއް ކުރިޔަށް ގެންދާ ހާލަތުގައި، އެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް އެކަށީގެންވާ ޤާބިލު ފަރާތެއްކަމާއި، މަޝްރޫޢު ކުރިޔަށްގެންދާ އަގަކީ ދައުލަތަށް ފައިދާހުރި ހަމައަގެއްކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

  • މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" އަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކޮމިޓީން ނިންމުމުގައި ވޯޓުގައި ބައިވެރިވާންވާނީ ކޮމިޓީގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނެވެ.