މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.01 މުސާރައާއި އުޖޫރައާއި ޢިނާޔަތް
  • ދައުލަތުގެ އޮފީހެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތެއް އިތުރުވުން ނުވަތަ މަސައްކަތެއް އަވަސްކުރަންޖެހުން ނުވަތަ މުވައްޒަފުން މަދުވެއްޖެ ހާލަތެއްގައި ވަކި މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް ފަންނީ ނުވަތަ ފަންނީ ނޫން މީހުން އެ މަސައްކަތަކަށް ކަނޑައެޅޭ ވަކި އުޖޫރައެއް ދޭގޮތަށް ގެންގުޅެވިދާނެއެވެ. މިގޮތުން އުޖޫރައަށް މީހުން ގެންގުޅެވޭނީ އޮފީހެއްގެ ވަޒީފާގެ އޮނިގަނޑުގައި ވަކި މަޤާމެއް ހަމަޖެހިފައިނެތް މަސައްކަތްތައް ކުރުމަށް ދަތިވާ ހާލަތްތަކުގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

  • މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ދޭންވާނީ ބަޖެޓުގައި "މުވައްޒަފުންނަށް ހިނގާ ޚަރަދު" ގެ ކޯޑުގައި ހިމަނައިގެން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުސާރައާއި ޢިނާޔަތް ކަނޑައެޅުމަށްފަހުގައެވެ.

  • މުސާރައާއި ޢިނާޔަތް އަދި އުޖޫރައާއި އިތުރުގަޑީގެ ފައިސާއާއި މުވައްޒަފުންނަށް ދެވޭ އެހެނިހެން އެލަވަންސްތައް ދޭންވާނީ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިގޮތުން ނުރަސްމީގަޑީގައި ނުވަތަ އިތުރުގަޑީގައި ކުރުވޭ މަސައްކަތްތުގެ ހާޒިރީ ބަލަހައްޓައްވާނީ MG/BC09 ގައި ވާ ނަމޫނާއާ އެއްގޮތަށެވެ.

  • މުވައްޒަފުންގެ މުސާރައާއި އުޖޫރައާބެހޭ އެންމެހައި މަޢުލޫމާތު ލިޔެކިޔުމުން ރަނގަޅަށް ބަލަހައްޓަންވާނެއެވެ. މި މަޢުލޫމާތުތައް ބަލަހައްޓައި މުސާރަޝީޓް ތައްޔާރުކުރަންވާނީ މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.