ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.09 ފައިސާ ހަވާލުކުރުން
  • ފައިސާ ހަވާލުކުރުމަކީ ދައުލަތުން ހޯދާފައިވާ ޚިދުމަތަކަށް ނުވަތަ ކުރުވާފައިވާ މަސައްކަތަކަށް ނުވަތަ ހޯދާފައިވާ އެއްޗަކަށް ނުވަތަ އެއްބަސްވުމެއްގެ ދަށުން އެޑްވާންސްކޮށް ދޭންޖެހޭ ފައިސާ، ނުވަތަ މުވައްޒަފުންނަށް ހަވާލުކުރަންޖެހޭ ފައިސާ، ނުވަތަ މިނޫންވެސް ގޮތަކުން ދައުލަތުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެ ފައިސާ ލިބެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހަވާލުކޮށް އެކަން ކަށަވަރުކުރުމެވެ. މިގޮތުން ފައިސާ ހަވާލުކުރެވޭނީ އެކައުންޓް ޓްރާންސްފަރއިން، ނުވަތަ ޗެކުން، ނުވަތަ ނަގުދުފައިސާއިންނެވެ.

  • އެކި ފަރާތްތަކަށް ދެއްކުމަށް އެކައުންޓުން ނަގާ ނަގުދުފައިސާ، މަޤުބޫލު ސަބަބެއް މެދުވެރިނުވާނަމަ، އެ ފައިސާ ނަގާތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމަންވާނެއެވެ.

  • އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަދާ ޗެކުތައް، ޗެކު ހަދާ ތާރީޚުން ފެށިގެން ލަސްވެގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޗެކު ހަވާލުކުރަންޖެހޭ ފަރާތަކާ ހަވާލުކުރަންވާނެއެވެ.

  • ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ދައުލަތުގެ އޮފީސްތަކުން ފޮނުވާ ޕޭމަންޓް ވައުޗަރު މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބުމުން ޓްރާންސްފަރ ހެދުމަށް ބޭންކަށް ފޮނުވުމަށްފަހު، އެ ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

  • ސެންޓްރަލް ޕޭމަންޓް ސިސްޓަމް މެދުވެރިނުކޮށް އެކައުންޓް ޓްރާންސްފަރއިން ފައިސާ ދައްކާނަމަ، ޕޭމަންޓް ވައުޗަރު ތައްޔާރުކޮށް ފައިސާ ޓްރާންސްފަރކުރުމަށް ބޭންކަށް ފޮނުވަންވާނެއެވެ. އަދި ފައިސާ ލިބެންވާ ފަރާތަށް އެކަން އަންގަންވާނެއެވެ.

  • ފައިނޭންޝަލް ކޮންޓްރޯލަރ ދޭ ހުއްދައެއްގެ ދަށުން މެނުވީ ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރެވޭ ހުރިހާ ޗެކުތަކެއްވެސް ތައްޔާރުކުރަންވާނީ 'އެކައުންޓް ޕޭއީ އޮންލީ' ނުވަތަ "ނޮޓް ނެގޯޝިއަބަލް" ޖެހުމަށްފަހު، ފައިސާ ލިބެންވާ ފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފައިސާ ނުނެގޭނެ ގޮތަށެވެ.

  • ހުރިހާ ޗެކެއްގައިވެސް ސޮއިކުރަންވާނީ ފައިނޭންޝަލް ކޮންޓްރޯލަރ ހުއްދަދޭ ވެރިޔަކު ފައިނޭންޝަލް ކޮންޓްރޯލަރ އަންގާ ގޮތެއްގެމަތިންނެވެ. މިގޮތުން އިލެކްޓްރޯނިކް ސިގްނެޗަރ ނުވަތަ މެނުއަލްކޮށް ސޮއިކޮށްގެން ޗެކު ދޫކުރެވިދާނެއެވެ.

  • އަނބުރާ ލިބޭ ޗެކުތަކާއި، ހަވާލުނުވެ އަދި މުއްދަތު ހަމަވެފައިހުރި ޗެކުތަކާއި، އަނބުރާ ލިބޭ އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރތަކުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ.

  • އަނބުރާ ލިބޭ ނުވަތަ ހަވާލުނުވެހުރި ޗެކު ލިބެންވާ ފަރާތް އެވަގުތަކު ދިރިއުޅޭ އެޑްރެސް ސާފުނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަނބުރާ ލިބިއްޖެނަމަ، އަދި އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރގެ ގޮތުގައި ދައްކާ ފައިސާއެއް އަނބުރާ ލިބިއްޖެނަމަ، އެ ކްރެޑިޓަރެއްގެ ޞައްޙަ ބޭންކް އެކައުންޓު ނަންބަރު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.

  • އަނބުރާ ލިބޭ އަދި ހަވާލުނުވާ ޗެކުތަކާއި، އިލެކްޓްރޯނިކް ފަންޑް ޓްރާންސްފަރއިން ދައްކާ ފައިސާ އަނބުރާ ލިބުމުން، އެ ފައިސާ ލިބެންޖެހޭ ފަރާތަކާ ގުޅުމަށް މަސައްކަތްކޮށް އެފަރާތަކާ ގުޅޭގޮތް ނުވެއްޖެނަމަ، އެ ފައިސާ "ރިސިޕްޓްސް އިން ސަސްޕެންސް ރިޓަރންޑް ޕޭމަންޓްސް" އެކައުންޓަށް ޖަމާކުރަންވާނެއެވެ.

  • މުއްދަތު ހަމަވެފައިވާ ޗެކުތައް ޓްރަސްޓް ފަންޑުގެ "ރިސިޕްޓްސް އިން ސަސްޕެންސް ސްޓޭލް ޗެކް" އެކައުންޓަށް ޕޯސްޓްކުރަންވާނެއެވެ.

  • "ރިސިޕްޓްސް އިން ސަސްޕެންސް" އެކައުންޓުގައި ހުންނަ ފައިސާ އެ އަހަރު ނިމޭއިރު ވަކިގޮތަކަށް ނުނިމިއްޖެނަމަ، އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ޓްރާންސްފަރކުރަންވާނެއެވެ.