ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.21 ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމާއި ޝަރީޢަތަށް ފޮނުވުން
  • ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ތިރީގައިމިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

    1. ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކުރުން.
    2. ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ފައިސާ ނުލިބިއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވުން.
    3. މި މާއްދާގެ 2 ވަނަ ނަންބަރުގައިވާ މުއްދަތު ފާއިތުވިއިރުވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް އިތުރު 7 (ހަތެއް) ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުން.
    4. މި މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތަށް ފުރުޞަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުން.
  • މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން، ޝަރީޢަތުން އެ ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ނުދައްކާނަމަ، އެ މައްސަލަ މިނިސްޓަރަށް ހުށަހަޅައިގެން އެ ފައިސާއާމެދު ވަކިގޮތަކަށް ނިންމަންވާނެއެވެ.