އެގްރިމަންޓްކޮށްގެން ހަވާލުކުރާ މަސައްކަތް (ކޮންސަލްޓަންސީ މަސައްކަތް ނުހިމަނައި) ލަސްވަމުންދާނަމަ، އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އެ ކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. އެ ގެއްލުމުގެ އަގު ކަނޑައަޅާނީ، ލަސްވާ ކޮންމެ ދުވަހަކަށް ތިރީގައިވާ ގޮތުގެ މަތިންނެވެ.
ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 8 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ ދަށުގެ ބީލަންތަކުގައިނަމަ ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(CP * 0.005 * LD)- CP (ކޮންޓްރެކްޓް ޕްރައިސް): ކޮންޓްރެކްޓުގެ ޖުމުލަ އަގު.
- LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް.
ޖުމުލަ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތީގެ ބީލަންތަކުގައި ފައިސާ ކަނޑާނީ، ޖުމުލަ އަގު 0.0025 (ޕޮއިންޓް ސުމެއް ސުމެއް ދޭއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ. މި އަދަދު ހޯދާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(CP * 0.0025 * LD)
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އެއްވެސް ހާލެއްގައި މުޅި ކޮންޓްރެކްޓުގެ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ލިކުއިޑޭޓެޑް ޑެމޭޖަސް އިތުރުވެއްޖެނަމަ، ކޮންޓްރެކްޓުގެ ނުކުރެވި އޮތްބައި ކޮންޓްރެކްޓަރުގެ އަތުން ވަކިކުރެވިދާނެއެވެ. އަދި ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ ޕަރފޯމަންސް ސެކިއުރިޓީ ނުވަތަ އެހެން ސެކިއުރިޓީއެއް ވާނަމަ ދޫނުކޮށް ހިފަހައްޓަންވާނެއެވެ. މިގޮތުން، ހިފަހައްޓާ ސެކިއުރިޓީއަކުން ކޮންޓްރެކްޓަރ ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ސެޓްއޮފް ކޮށްގެން ނުވާނެއެވެ.