ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.05 ކޮމިޓީން މައްސަލަތައް ބެލުން
  • މައްސަލަ ބަލާ ކޮމިޓީން މައްސަލަތައް ބެލުމުގައި، މުސްތަޤިއްލުކަމާއެކު މަސައްކަތްކުރަންވާނެއެވެ. މައްސަލަތައް ބެލުމުގައި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި ހިސާބުތަކަށް އަދި މައްސަލައިގެ ހެތްކާއި ޤަރީނާތަކަށް ރިޢާޔަތްކުރަންވާނެއެވެ. މިގޮތަށް މައްސަލަތައް ބެލުމުގައި ދައުލަތުގެ ކޮންމެ މުވައްޒަފަކާވެސް ކޮމިޓީން ސުވާލުކުރެވިދާނެއެވެ.

  • މައްސަލައިގެ ބާވަތުން ފުލުހުން މެދުވެރިކޮށް ތަޙުޤީޤުކުރާ ކަންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އެދިއްޖެ ހިނދެއްގައި، ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން މެންބަރެއް، އެ މައްސަލައިގެ ފަންނީ ލަފާދީ، ތުހުމަތުކުރެވޭ މުވައްޒަފުންނާ ސުވާލުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް އެހީތެރިވުމަށް ހަމަޖެއްސިދާނެއެވެ.

  • މައްސަލަ ބަލައި ނިމޭ ތާރީޚުން ފެށިގެން ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

  • ކޮމިޓީގެ ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތްކުރަންވާނެއެވެ.

    1. މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ލިބުނު ގޮތް.
    2. މުދަލާއި ފައިސާއާ ހަވާލުވެހުރި މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިފައިވާނަމަ، އިހުމާލުވެފައިވާ މިންވަރު.
    3. މުދަލާއި ފައިސާއާ ހަވާލުވެހުރި މުވައްޒަފުގެ އިތުރުން އެހެން މުވައްޒަފަކު ނުވަތަ އެހެން މީހަކު ކުރި ކަމެއްގެ ސަބަބުން ގެއްލުން ލިބިފައިވާނަމަ، އެފަރާތެއް މަސްއޫލުވާ މިންވަރު.
    4. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމަށް އެތަނެއްގައި ގެންގުޅޭ ނިޒާމުގައި ހުރި އުނިކަމެއްގެ ސަބަބުން ގެއްލުން ލިބުމަށް މަގުފަހިވެފައިވާނަމަ، އެކަމުގެ ތަފުޞީލު.
    5. ޖިނާއީ ދަޢުވާއެއްގެ ސަބަބުން ތަޙުޤީޤަށް އެއްވެސް ހުރަހެއް ކުރިމަތިވެފައިވާނަމަ، އެކަމެއް ބަޔާންކުރުން.
  • މައްސަލަ ބަލާ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގައި ޚިޔާލެއް ނުވަތަ ލަފައެއް ހިމެނުމަށް ފެންނަނަމަ، ތިރީގައިމިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ރިޕޯޓުގައި އެކަމެއް ހިމަނަންވާނެއެވެ.

    1. މުވައްޒަފަކާމެދު އަޚުލާޤީ ފިޔަވަޅު އަޅަންޖެހޭކަމަށް ފެންނަނަމަ އެކަމެއް، މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އަޅަންނުޖެހޭނަމަ އެކަން، އަދި މުވައްޒަފަކާމެދު ޖިނާއީ ދަޢުވާއެއް އުފުލާފައިނުވާނަމަ އެ މުވައްޒަފަކާމެދު އަޅަން ފެންނަ ފިޔަވަޅު.
    2. ގެއްލުންތައް ހުއްޓުވުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި މުސްތަޤުބަލްގައި އެޅެންހުރި ފިޔަވަޅުތައް.
    3. މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް.
  • ކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށް، ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުން ރިޕޯޓުގައި ސޮއިކުރުމަށްފަހު، ސިއްރު ރިޕޯޓެއްގެ ގޮތުގައި، މިނިސްޓަރަށް ފޮނުވަންވާނެއެވެ. މި މަރުޙަލާގައި މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ، މި ރިޕޯޓު އިތުރު ފަރާތަކަށް ދީ ނުވަތަ ރިޕޯޓުގައިވާ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށް ނުވަތަ ޝާއިޢުކޮށްގެންނުވާނެއެވެ.