މި ގަވާއިދުގެ 16.01 ވަނަ މާއްދާގެ (ހ) ގައިވާ މަޤުޞަދު ހާސިލުކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރާނީ މިނިސްޓްރީ އޮފް ފިނޭންސްގައި މިނިސްޓަރު ޤާއިމުކުރާ އިންޓަރނަލް އޮޑިޓްގެ ފަރާތުންނެވެ. އިންޓަރނަލް އޮޑިޓްގެ އެންމެ އިސްވެރިޔާގެ މަސައްކަތްތައް ރިޕޯޓުކުރާނީ މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކަށެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ދައުލަތުގެ އިންޓަރނަލް އޮޑިޓްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ޤާއިމުކުރެވިދާނެއެވެ.
ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރާ އިންޓަރނަލް އޮޑިޓް ނިޒާމުގެ ތެރެއިން ރިޕޯޓުކުރާނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާއަށް ނުވަތަ މިނިސްޓަރުގެ މަޝްވަރާގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ޤާއިމުކުރާ އިންޓަރނަލް އޮޑިޓް ސަބްކޮމިޓީއަށެވެ. މީގެއިތުރަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން އެ މިނިސްޓްރީން ބޭނުންވާ ރިޕޯޓުތައް މިފަދަ ނިޒާމެއްގެ ތެރެއިން އެ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ވިލަރެސްކުރުމާއި، މި ގަވާއިދުގެ 16.03 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިންޓަރނަލް އޮޑިޓްގެ ފަރާތުން އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް އެ ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދޭނީ، މިނިސްޓްރީ އޮފް ފިނޭންސްގައި މިނިސްޓަރު ޤާއިމުކުރާ އިންޓަރނަލް އޮޑިޓް ކޮމިޓީންނެވެ.
ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރާ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށާއި، އިންޓަރނަލް އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އެ އޮފީސްތަކުގައި އިންޓަރނަލް އޮޑިޓް ސަބްކޮމިޓީތައް އުފައްދާނީ މިނިސްޓަރުގެ ލަފާގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާއެވެ.
އިންޓަރނަލް އޮޑިޓްގެ ހަރަކާތްތައް ހިންގުމާއި ރޭވުމުގައި ދައުލަތުގެ އޮފީސްތަކުގެ މާލީޒިންމާދާރުވެރިން އެހީތެރިވެދޭންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގައި ހިންގާ އިންޓަރނަލް އޮޑިޓްގެ ހަރަކާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން އެ އޮފީހެއްގެ މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ.