ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ކޮންމެ މުވައްޒަފަކަށްވެސް ރެއަކާއި ދުވާލަކަށް ކެއުމުގެ ޚަރަދު ދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓަކުންނެވެ.
މަހުކޮއްތު ނުވަތަ ކޮއްތުއެލަވަންސް ލިބޭ މުވައްޒަފަކަށް ދަތުރުމަތީގައި އުޅޭ ދުވަސްތަކަށް، ކެއުމުގެ ޚަރަދުގެ ގޮތުގައި ލިބޭނީ އެ މީހަކަށް މަހުކޮއްތަށް ނުވަތަ ކޮއްތު އެލަވަންސަށް ދުވާލަކަށްޖެހޭ އަދަދަށްވުރެ ދަތުރުމަތީގައި އުޅޭ ދުވަހަކަށް ލިބޭ އަދަދު މަދުވާނަމަ، އެ މަދުވާ އަދަދެކެވެ. އަދި ދަތުރުމަތީގައި ދުވާލަކަށް ލިބޭ އަދަދަށްވުރެ މަހުކޮއްތުގެގޮތުގައި ނުވަތަ ކޮއްތު އެލަވަންސްގެގޮތުގައި ދުވާލަކަށްޖެހޭ އަދަދު ބޮޑުނަމަ، އެ ބޮޑުވާބައި އަނބުރައި ހޯދާކަށް ނުޖެހޭނެއެވެ.
ކޮއްތު ޚަރަދު ދިނުމުގައި ފުރިހަމަ ދުވަހެއް ހަމަނުވާނަމަ، ކޮއްތު ޚަރަދު ދޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.
- ދަތުރުގައި ދުވަހެއްގެ 4 (ހަތަރެއް) ގަޑިއިރަށްވުރެ އިތުރަށް ފާއިތުވެ، އެއްއިރުގެ ކެއުމާއި އެއްއިރު ސައިގެ ވަގުތު ފާއިތުނުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 1/4 (ހަތަރުބައިކުޅައެއްބައި) ދިނުން.
- ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރު ސައިގެ ވަގުތު ފާއިތުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 1/2 (ދެބައިކުޅައެއްބައި) ދިނުން.
- ދަތުރުގައި ދުވަހެއްގެ 1 (އެކެއް) އިރުގެ ކެއުމާއި 1 (އެކެއް) އިރު ސައިގެ ވަގުތު ފާއިތުވުމުގެ އިތުރަށް، ކެއުމުގެ ނުވަތަ ސައިގެ ވަގުތެއް ފާއިތުވެއްޖެނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަ އަދަދު އެކުގައި ދިނުން.
މި މާއްދާގައިވާ ގޮތުގެމަތިން ކޮއްތު ޚަރަދު މުވައްޒަފުގެ އަތަށް ދިނުމުގެ ބަދަލުގައި މި މާއްދާގައިވާ ރޭޓަށްވުރެ ބޮޑުނުވާނެގޮތަށް ކޮއްތުގެ އިންތިޒާމު ހަމަޖެއްސުމުގެ އިޚުތިޔާރު އެ އޮފީހަކަށް ލިބިގެންވެއެވެ.