ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.03 ކައުންސިލުތަކުގެ އަންދާޒާ ބަޖެޓް
  • ކައުންސިލުތަކުގެ ބަޖެޓް އެކުލަވައިލުމުގައި، ރަށާއި، އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނަށް ބަލައިގެން ރަށުކައުންސިލާއި، އަތޮޅުކައުންސިލުން ކުރިޔަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރަންވާނެއެވެ.

  • ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނަށް ބަލައިގެން ސިޓީކައުންސިލްތަކުން ކުރިޔަށް އޮތް 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) އާއި (ށ) ގައިވާ މަޢުލޫމާތު ބަޖެޓް ހުށަހެޅުމުގައި ހިމަނަންވާނެއެވެ. އަދި ފައިނޭންޝަލް ޕްލޭނާއި ބަޖެޓް ތައްޔާރުކުރާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ނަމޫނާއާ އެއްގޮތަށެވެ.

  • އަތޮޅުކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ޚަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރު ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި، އަތޮޅުކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ރަށުކައުންސިލުތަކާއި އަތޮޅުކައުންސިލުތަކުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮގަސްޓު 31 ގެ ކުރިން ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީޚަކަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.

  • ސިޓީކައުންސިލުތަކަށް ލިބޭނެ އާމްދަނީއާއި ކުރާނެ ޚަރަދަށް ބަލައި، ކުރިޔަށް އޮތް އަހަރު ކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި، ސިޓީކައުންސިލުން ފާސްކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ އަވަށު އޮފީސްތަކާއި ސިޓީކައުންސިލުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮގަސްޓު 31 ގެ ކުރިން ނުވަތަ މިނިސްޓަރު ކަނޑައަޅާ ތާރީޚަކަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.