ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.38 އާންމުކޮށް އިޢުލާނުކޮށްގެންނާއި، އެހެނިހެން ގޮތްގޮތުން ބީލަން އާންމުކުރުމާއި، ޝާއިޢުކުރުން
  • ބީލަންތައް އާންމުކޮށް ހުޅުވާލާއިރު، ބީލަމުގެ ވައްތަރާއި، ޕްރޮކިއުމަންޓުގެ އުސޫލުތަކާއި، ފަންނީ މިންގަނޑުތަކާއި، ކޮލިފައިވުމަށް ބޭނުންވާނެ ޝަރުޠުތައް ބަޔާންކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތަށް އާންމުކޮށް ހުޅުވާލާ ބީލަންތަކަށް، އެކަމަށް ޤާބިލު ފަރާތްތަކުން ބީލަން ހުށަހެޅުމަށް އިޢުލާނުކުރާނީ ނުވަތަ އާންމުކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

    1. ސަރުކާރުން ޕްރޮކިއުމަންޓުގެ އިޢުލާނުތައް އާންމުކުރުމަށް ހަމަޖައްސާ ވެބްސައިޓެއްގައި ހިމެނުމުގެ އިތުރަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްގެން.
    2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް އާންމުކުރުމާއި، ޕްރޮކިއުކުރާ އޮފީހެއްގެ އާންމު ނޯޓިސްބޯޑުގައި ބެހެއްޓުމުގެ އިތުރުން އެފަދަ އިޢުލާންތައް އާންމުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން.
  • މި މާއްދާގެ (ށ) ގައިވާ ގޮތަށް ޢަމަލުކުރުމުގެ އިތުރުން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއީ އެންމެ އެކަށީގެންވާ ގޮތްކަމަށް ފެންނަ ހާލަތްތަކުގައި، ޗާޕުކުރެވިގެން ނުކުންނަ ނޫސް، މަޖައްލާތަކުގައި ޝާއިޢުކޮށްގެން އާންމުކުރެވިދާނެއެވެ.

  • ބީލަން އާންމުކުރުމަށް ކުރާ އިޢުލާން، އެ އިޢުލާން އާންމުކުރުމަށް ކަނޑައަޅާ އުސޫލެއްގެ މަތިން ޝާއިޢުކޮށް އާންމުކުރަންވާނެއެވެ. އަދި އެ ބީލަމަކާ ބެހޭ މަޢުލޫމާތު ދިނުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް މި ގަވާއިދުގެ 10.43 ވަނަ މާއްދާގެ (ބ) ގައިވާ މުއްދަތު ދޭންވާނެއެވެ.

  • ތިރީގައިމިވާ ފަދަ ޕްރޮޖެކްޓްތައް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ދައުރުވާ ޗާޕުކޮށްގެން ނުކުންނަ ނޫސް މަޖައްލާތަކުގެ ތެރެއިން މަދުވެގެން 2 (ދޭއް) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ޝާއިޢުކޮށްގެންނާއި އިލެކްޓްރޯނިކް ވަސީލަތްތަކުގައި އާންމު ކުރެވިދާނެއެވެ.

    1. ޕްރޮކިއުމަންޓުގެ އަގު، މި ބާބުގެ ޖަދުވަލު 2 ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ މިންވަރުގެ ޕްރޮޖެކްޓުތައް.
    2. އެކަށީގެންވާ ވާދަވެރި މާޙައުލެއްގައި ބީލަންކުރުމުގެ ފުރުޞަތު، ބައިނަލްއަޤުވާމީ ފަރާތްތަކަށް ހުޅުވާލަން މިނިސްޓްރީ އޮފް ފިނޭންސްއިން ނިންމާ ޕްރޮޖެކްޓުތައް.