ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.46 އާންމުކޮށް ހުޅުވާލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވާލެވޭ ބީލަންތައް އިވެލުއޭޓްކުރާނެ ގޮތް
  • އާންމުކޮށް ހުޅުވާލެވޭ ބީލަންތަކާއި، ވަކި ފަރާތްތަކަކަށް ހުޅުވާލެވޭ ބީލަންތައް، އިވެލުއޭޓްކުރުމުގައި ޢަމަލުކުރަންވީ ގޮތް ތިރީގައި މިވަނީއެވެ.

    1. ހުށަހެޅިފައިވާ ބީލަންތައް، އެ ބީލަމުގައި ދެވިފައިވާ ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓާ އެއްގޮތްވޭތޯ ބެލުމަށް އަޅާކިޔައި، އެ ބީލަމަކީ އެކަށީގެންވާވަރަށް ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ (ސަބްސްޓޭންޝަލީ ރެސްޕޮންސިވް) ބީލަމެއްތޯ ބަލައި "ފާސް" ނުވަތަ "ފެއިލް" ކަމަށް ކަނޑައެޅުން.
    2. ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް ފުރިހަމަވާ އެންމެ ކުޑައަގެއް (ލޯވަސްޓް އިވެލުއޭޓެޑް ޕްރައިސް) ހުށަހަޅާފައިވާ ފަރާތެއް ކަނޑައެޅުން.
  • ދައުލަތުގެ އޮފީހަކުން ބޭނުންވެއްޖެ ހިނދެއްގައި، ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކުރާނޭ އިތުރު ކްރައިޓީރިއާއެއް ބީލަންފޮތުގައި ނުވަތަ އެކަމަށް ދޫކުރެވޭ ކަރުދާހުގައި ހިމެނިދާނެއެވެ. މިގޮތުން އިތުރުކުރެވޭ ކްރައިޓީރިއާ ވާންވާނީ، އެ ކޮންޓްރެކްޓެއް ފުރިހަމަކުރުމުގެ ފެންވަރާއި ގޮތްތައް ނުވަތަ ކޮންޓްރެކްޓުގެ މާއްދާތަކާއި ޝަރުޠުތަކާއި ކޮންޓްރެކްޓް ފުރިހަމަކުރުމަށް ހުށަހަޅާ މުއްދަތާއި، ފައިސާ ދިނުމަށް ހުށަހަޅާ ގޮތާއި، ސްޕެއަރޕާޓްސްގެ އަގާއި، އާފްޓަރ ސޭލްސް ޚިދުމަތާއި، މެއިންޓަނަންސް އަދި އިކުއިޕްމަންޓުގެ ފެންވަރުފަދަ ކަންތައްތައް ބެލުމަށް އިތުރުކުރެވޭ ބަޔަކަށެވެ.

  • ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރުމަށް އިތުރު ކްރައިޓީރިއާއެއް ހިމަނަންވާނީ، ބީލަމެއްގައި ހިމެނޭ ކަމެއްގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމެއް ނުވަތަ ފައިދާއެއްގެ މައްޗަށް ރިޢާޔަތްކޮށެވެ. މިފަދަ ކަންކަމަކީ މާއްދީގޮތުންނާއި ފައިސާގެގޮތުން އަގުކުރެވޭ ކަމަކަށް ވާންވާނެއެވެ. އަދި އެކަމެއްގެ ސަބަބުން ލިބޭ ގެއްލުން ނުވަތަ ފައިދާ ހަމައެކަނި އިވެލުއޭޓްކުރުމުގެ ބޭނުމަށް ބީލަމުގައި ހުށަހެޅިފައިވާ އަގަށް އުނިއިތުރު ގެނެވިދާނެއެވެ. މިގޮތުން މިބާވަތުގެ ކަމަކާ ގުޅިގެން އުނިއިތުރު ގެންނަން ޖެހިދާނެކަން ބީލަންފޮތުގައި ނުވަތަ މަޢުލޫމާތުދޭ ޝީޓުގައި ނުވަތަ އިޢުލާނުގައި ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

  • މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތްތައް ފިޔަވައި، ޚާއްޞަ ގޮތެއްގައި ކުރިޔަށް ގެންދަންޖެހޭ ޕްރޮކިއުމަންޓެއްގެ ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ ގޮތްތަކެއް، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައެޅިދާނެއެވެ.