ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން

17.16 މައްސަލަ ބަލަމުންދާއިރު ބީލަމުގެ މަސައްކަތް އެވޯޑްކުރުން މަނާކުރުން
  • ދައުލަތުގެ އޮފީހަކަށް ބީލަމުގެ މައްސަލައެއް ހުށަހެޅިގެން، އެ މައްސަލައެއް ރިވިއުކޮށް ބަލަމުންދާއިރު، ނުވަތަ ކަމާބެހޭ އެހެން ފަރާތަކަށް އެ މައްސަލައެއް ހުށަހެޅިގެން އަލުން ބަލަމުންދާއިރު، ތިރީގައިމިވާ ހާލަތްތަކުގައި ބީލަމުގެ މަސައްކަތް އެވޯޑްކޮށްގެން ނުވާނެއެވެ.

    1. މި ގަވާއިދުގެ 17.09 ވަނަ މާއްދާގެ ދަށުން އެ އޮފީހަކަށް އެ މައްސަލައެއް ހުށަހެޅިގެން ބަލަމުންގެންދާއިރު، ނުވަތަ އެ މައްސަލައެއް އެ އޮފީހަކުން ބަލައި ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބީލަމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުނުކުރުން.
    2. މި ގަވާއިދުގެ 17.13 ވަނަ މާއްދާގެ ދަށުން މައްސަލައެއް އަލުން ބަލަމުން ގެންދާއިރު، ނުވަތަ އެ މައްސަލައެއް ބަލައި ނިންމުމުގެ ކުރިން ބީލަމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުނުކުރުން.
  • އަލުން ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ނިމުމުގެ ކުރިން ބީލަން އެއްވެސް ފަރާތަކަށް ހަވާލުކުރެވޭނީ، އެކަމަކީ ރައްޔިތުންނަށް ވަރަށް އަވަހަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ނުވަތަ ކުރަންޖެހޭ ކަމެއްކަން އެ އޮފީހަކުން މިނިސްޓަރަށް ކަށަވަރުކޮށްދިނުމުން، މިނިސްޓަރުގެ ހުއްދަ ލިބުމުންނެވެ. މިގޮތުން، އެއީ ކޮން ޚިދުމަތެއްކަމާއި، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތަކީ ކޮބައިކަމާއި، އަދި އެކަމެއް މުހިންމުވި ސަބަބާއި، އެކަމެއް އަވަސްކަމެއްގެ ގޮތުގައި ބަލަންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކޮށްދޭންވާނެއެވެ.