ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި، ލޯނަށް ފައިސާ ދޫކުރުމާއި، އަދި ގެރެންޓީދިނުން

14.07 ކޮންޓިންޖެންޓް ލަޔަބިލިޓީ
  • ދައުލަތުން ގެރެންޓީ ނުވަތަ އިންޑެމްނިޓީ ހޯދުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އުސޫލާއެއްގޮތަށެވެ.

  • ކޮންޓިންޖެންޓް ލަޔަބިލިޓީތައް ހިންގައި ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅުމުގައި، ގެރެންޓީއާއި އިންޑެމްނިޓީ އަދި އަންޑަރޓޭކިންގްސް ފަދަ ލިޔުންތައް ދިރާސާކުރާނެ ގޮތާއި، އިވެލުއޭޓްކުރާނެ ގޮތާއި، ހުއްދަދިނުމާއި ބަލަހައްޓާނެ ގޮތް، އަދި މިކަމާބެހޭ ލިޔެކިޔުން ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  • ދައުލަތުގެ ފަރާތުން ދޭ ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ހިސާބުތައް ބެލެހެއްޓުމަށްޓަކައި ތިރީގައިވާ ބައިތަކުގެ ރަޖިސްޓަރީ ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއިން ބަލަހައްޓަންވާނެއެވެ.

    1. ސަރުކާރުން ދީފައިވާ ގެރެންޓީތަކާއި އިންޑެމްނިޓީތަކާއި އަންޑަރޓޭކިންގތަކުގެ ތަފުސީލު.
    2. ސަރުކާރުގެ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ތަފުސީލު.
    3. ސަރުކާރުގެ ކޮންޓިންޖެންޓް ލަޔަބިލިޓީތަކުގެ ޖުމުލަ.
  • މި މާއްދާގެ (ނ) ގައި ހިމެނޭ ބައިތަކުންކުރެ ކޮންމެ ބައެއްގެ ރަޖިސްޓަރީ ތިރީގައިމިވާ މަޢުލޫމާތު ހިމެނޭގޮތަށް ބަލަހައްޓަންވާނެއެވެ.

    1. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމަށް ނިންމުނު ޤާނޫނީ ހައިސިއްޔަތު. (މިގޮތުން ހުއްދަދެވޭ ޤާނޫނު)
    2. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދިނުމުގެ ސަބަބުން ފައިދާކުރާ ފަރާތް ނުވަތަ އޮފީހުގެ ނަން.
    3. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދެވުނު ލޯނު އެއްބަސްވުމުގެ މާއްދާތަކާއި ޝަރުޠުތައް. (މީގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތް ހިމަނަންވާނެއެވެ.)
    4. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދެވުނު ތާރީޚު.
    5. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގ ދައްކަންޖެހިދާނެ ހާލަތްތައް.
    6. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތު ހަމަވާ ތާރީޚު.
    7. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ބަދަލުގައި ދިނުމަށް އެއްބަސްވި ސެކިއުރިޓީ. (ސެކިއުރިޓީއެއް ހުށަހަޅާފައިވާނަމަ)
    8. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ މުއްދަތުގައި ޢަމަލުކުރެވުނު ގޮތް.
    9. ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގގެ ދަށުން ސަރުކާރުން ފައިސާ ދައްކަން ޖެހުނުނަމަ، ދެއްކި ފައިސާގެ އަދަދު.
  • ދިވެހި ދައުލަތުން ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއް ދީފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން، ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ އަންޑަރޓޭކިންގއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންވާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

  • ގެރެންޓީއެއް ނުވަތަ އިންޑެމްނިޓީއެއް ނުވަތަ އަންޑަރޓޭކިންގއެއްގެ ސަބަބުން، އަދާކުރަންޖެހިދާނެ ސަރުކާރުގެ ލަޔަބިލިޓީއަކަށް، ބަޖެޓުގައި ފައިސާ ހިމަނަންވާނެއެވެ.