ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.69 ނިމޭ މަސައްކަތަށް އަގު ދިނުން
  • މަސައްކަތުގެ އަގު ނުވަތަ ޚިދުމަތުގެ އަގު މި ބާބުގެ ޖަދުވަލު 1 ގެ 7 ވަނަ ނަންބަރުގައިވާ މިންގަނޑާ ދެމެދުގެ މަސައްކަތެއް ކުރުވާނަމަ، ނުވަތަ ޚިދުމަތެއް ހޯދާނަމަ، ނުވަތަ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނިންމާ މި އަދަދަށްވުރެ މަތީ އަގެއްގެ ކަމެއްކަމުގައިވިޔަސް އެ މަސައްކަތަކުން ނުވަތަ ޚިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން، އެކަމެއް ކުރަމުންދާގޮތް ބެލުމާ ހަވާލުކުރެވިފައިވާ އިންޖިނޭރަކު ނުވަތަ ކޮންސަލްޓަންޓަކު ނުވަތަ އެ މަސައްކަތެއް ސުޕަވައިޒްކުރުމާ ހަވާލުވެހުރި ފަރާތުން، އެކަމެއްކޮށް ނިމިފައިވާކަމަށް ސޮއިކުރުމުން އެ ބިލެއްގެ ފައިސާ ދެވިދާނެއެވެ.

  • މަސައްކަތުގެ އަގު ނުވަތަ ޚިދުމަތުގެ އަގު މި ބާބުގެ ޖަދުވަލު 1 ގެ 9 ވަނަ ނަންބަރުގައިވާ މިންގަނޑަށްވުރެ މަތީގެ އަގަކަށް މަސައްކަތެއް ނުވަތަ ޚިދުމަތެއްނަމަ، އެ މަސައްކަތަކުން ނުވަތަ އެ ޚިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން އަގު ދެވޭނީ ކޮންސަލްޓަންޓް ރިޕޯޓެއް (އިންޓަރިމް ސެޓްފިކެޓް) ތައްޔާރުކޮށް އެ ރިޕޯޓު ހުށަހެޅުމުންނެވެ.

  • މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައެވެ. އަދި މިނޫން ފައިސާއެއްވެސް އުނިކުރަންޖެހޭނެކަމަށް އެގްރީމެންޓުގައި އެއްބަސްވެފައިވާނަމަ، ބިލުގެ ފައިސާ ދޭންވާނީ އެފަދަ ފައިސާވެސް ކަނޑާފައެވެ.