ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.35 ބީލަމުގައި ބައިވެރިވާ ފަރާތްތައް (ބީލަންވެރިން) ރަޖިސްޓަރީކުރުން
  • ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް އެ މަޢުލޫމާތު މަރުކަޒީ އުސޫލުން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރަމުން ގެންދިޔުމަށް ނުވަތަ ދައުލަތުގެ ވަކި އޮފީސްތަކަކުން ކުރަމުން ގެންދިޔުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.

  • ސަޕްލަޔަރުން ރަޖިސްޓަރީކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލާފައި އޮންނަންވާނެއެވެ. އަދި ރަޖިސްޓަރީކުރުމަށް އެދޭ ސަޕްލަޔަރުން އެކަށީގެންވާ ކުރު މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީކުރެވެންވާނެއެވެ.

  • ރަޖިސްޓަރީކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ދައުލަތުގެ އޮފީހަކުން ތިރީގައިމިވާ މަޢުލޫމާތު އާންމުކޮށް ޝާއިޢުކުރަންވާނެއެވެ.

    1. ސަޕްލަޔަރުން ރަޖިސްޓަރީކުރުމާއި، އެފަރާތްތަކާބެހޭ މަޢުލޫމާތު ބެލެހެއްޓޭ ފަދަ ސިސްޓަމެއް ޤާއިމުކުރެވިފައިވާކަމާއި، ރަޖިސްޓަރީކުރާކަން.
    2. ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި، ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު.
    3. ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، އަދި ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.
    4. ރަޖިސްޓަރީކޮށްދެވޭނެ މުއްދަތާއި، ރަޖިސްޓަރީ އިތުރަށް ފުރިހަމަކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެކަމެއް.