ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.28 ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާ
  • ދައުލަތުގެ އޮފީސްތަކަށް ބޭރުގެ އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަންނަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރުފައިސާއަކުންނެވެ.

  • ދައުލަތުގެ އޮފީސްތަކަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ލިބޭ ފައިސާ، އެ ފައިސާއެއް ލިބުމާއެކު ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް އަންގަންވާނެއެވެ. އަދި އެ ފައިސާ ޖަމާކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އެކައުންޓަކަށެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކައުންޓަށް ޖަމާކުރުމަށް ފައިސާ ފޮނުވާއިރު ފޮނުވާނީ އެ ފައިސާއަކާ ބެހޭ އަންނަނިވި މަޢުލޫމާތާ އެކުގައެވެ.

    1. ފައިސާ ލިބުނު ފަރާތް
    2. ފައިސާ ދިން ފަރާތް
    3. ފައިސާގެ އަދަދާއި ބާވަތް
    4. ފައިސާ ލިބުނު ބޭނުން
    5. ޖަމާކުރަން ބޭނުންވާ އެކައުންޓު ނަންބަރު
    6. އެގްރީމެންޓެއް ނުވަތަ އެމް.އޯ.ޔޫއެއްގެ ދަށުންނަމަ، އޭގެ ރިފަރެންސް ނަންބަރު
  • ރާއްޖޭގައި ބޭރުގެ ފަރާތަކުން ހިންގާ ވިޔަފާރިއަކުން ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ވަކި ކަމަކަށް ނުވަތަ ވަކި ފަންޑަކަށް ޖަމާކުރުމަށްޓަކައި އެހީގެ ގޮތުގައި ދޭ ފައިސާ މި މާއްދާގެ (ށ) އިން އިސްތިސްނާވާނެއެވެ. ނަމަވެސް، މިފަދަ ފައިސާވެސް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށްޓަކައި މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

  • ބޭރުގެ އެހީގެ ގޮތުގައި ލިބޭ ސްކޮލަރޝިޕް، ފެލޯޝިޕް، ޓްރޭނިންގކޯސް ފަދަ ކަންތައްތަކަށް އެހީ ދޭ ފަރާތްތަކުން ކުރާ ޚަރަދުތަކާއި، އެކިއެކި ޖަލްސާއާއި ސެމިނަރފަދަ ތަންތާނގައި ބައިވެރިވުމަށް ބޭރުގެ އެހީގައި ލިބޭ ފައިސާގެ ޚަރަދުގެ ހިސާބު އެ ކޯހެއް ނުވަތަ އެ ޖަލްސާއެއް ނިމޭތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.