ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.14 ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރު ޚަރަދާއި ކޮއްތުފައިސާ ދިނުން
  • ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެނެސް ގެންދަންޖެހޭ މީހުން ގެނެސް ގެންދިޔުމުގައި، ފެރީ ދަތުރުގެ ޚިދުމަތް ލިބެން އޮންނަ ދެރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ ފެރީ ދަތުރުގެ ޚިދުމަތެވެ. ފެރީގައި ދަތުރު ކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ޚިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރު ކުރެވިދާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފެރީ ދަތުރު ކުރާ އުޅަނދުތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ގެނެސް ގެންދިޔުމުގެ ފެރީ ޚަރަދު ދޭނީ އެ ފެރީއެއްގައި ދަތުރުކުރުމަށް މީހަކަށް ނަގާ ރޭޓުންނެވެ.

  • ދައުލަތުގެ ބޭނުމަށް ކަނޑުމަގުން އަތޮޅުތަކުން މާލެ ގެންނަ މީހުންނާއި، މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންނާއި، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެނެސް ގެންދާ މީހުންގެ ދަތުރުފީ ދޭނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓުތަކުންނެވެ.

  • އެއްފަސްވެފައިވާ ރަށްރަށުގައި އެއްގަމުމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީ ދޭނީ، އެސަރަޙައްދެއްގައި އެޚިދުމަތެއް ލިބެންހުރި ރޭޓަކަށެވެ.

  • ވައިގެމަގުން މާލެ ގެންނަ މީހުންނާއި މާލެއިން އަތޮޅުތަކަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދެއްގެ ޓިކެޓަށް ހަމަޖައްސާފައިވާ އަގާއި، އެ ދަތުރެއްގެ މަންޒިލަށް ދިޔުމަށް މި މާއްދާގެ (ހ) އާއި (ށ) ނުވަތަ އެ ދެގޮތުންކުރެ ގޮތަކަށް ކުރާ ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ.