ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.41 ލަފާދިނުމާއި އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުން
  • ލަފާދިނުމާއި ޚިދުމަތް ހޯދުމުގައި އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް ކުރެވޭ އިޢުލާނުގައި ނުވަތަ މަޢުލޫމާތު ދިނުމަށް ތައްޔާރުކުރާ ކަރުދާހުގައި، އެކަމެއްގެ ބާވަތާއި ފުރިހަމަ ތަފުސީލު، އަދި ބީލަން ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާއާއި މަސައްކަތުގައި ޝާމިލުވާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެ ކޮންޓްރެކްޓެއް ހަވާލުކުރެވޭ ފަރާތަކުން އެ މަސައްކަތެއް އެންމެ ފުރިހަމަގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބަލަން ބޭނުންވާނޭ ކަންތައްތައް ("މިނިމަމް ރިކުއަޔަރމެންޓް") ހިމަނައިގެން ޝޯޓްލިސްޓްކުރުމުގައި ބަލާނޭ ކްރައިޓީރިއާއެއް ހިމެނިފައި އޮންނަންވާނެއެވެ.

  • ލަފާދިނުމާއި ޚިދުމަތް ހޯދުމުގައި، އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާނުކުރަންވާނީ ނުވަތަ ޝާއިޢުކުރަންވާނީ މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ށ) އިން އެ މާއްދާގެ (ރ) އަށް ބުނެވިފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

  • ބީލަމުގައި ބައިވެރިވާނޭ އެކަށީގެންވާ ފަރާތްތަކެއް ޝޯޓްލިސްޓްކުރުމުގެގޮތުން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް، އިޢުލާނުގައި ބުނެވިފައިވާ ނުވަތަ މަޢުލޫމާތު ދިން ކަރުދާހުގައިވާ ކްރައިޓީރިއާއާ އެއްގޮތަށް އިވެލުއޭޓްކުރަންވާނެއެވެ.

  • ބީލަމުގެ ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދެއްގެ ބައެއް ޝޯޓްލިސްޓްކުރަންވާނެއެވެ. އަދި މިގޮތުން 3 (ތިނެއް) ފަރާތަށްވުރެ މަދުނޫން އަދަދެއްގެ ބީލަންވެރިން ޝޯޓްލިސްޓްކުރެވޭތޯ ބަލަންވާނެއެވެ.

  • ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ކްރައިޓީރިއާގައިވާ ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކެއް ޝޯޓްލިސްޓް ކުރަންވާނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ދޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު 6 (ހައެއް) ފަރާތަކަށެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހަޅަން ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންނުވާކަން އަންގައިފިނަމަ، ޝޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދެން އެންމެ ޤާބިލު ފަރާތަކަށް އެ ފުރުޞަތު ދޭންވާނެއެވެ.