ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.44 ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން
  • ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ ޝާއިޢުކުރާ ލިޔުމުގައި ނުވަތަ ދޫކުރެވޭ ލިޔުމުގައި އެ ބީލަމެއް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ބީލަމެއް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި (ސުންގަޑި) ވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަށްވުރެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިގަނެގެން ނުވާނެއެވެ.

  • ބީލަން ބަލައިގަނެ ހުޅުވާ، ދައުލަތުގެ އޮފީސްތަކުން ތިރީގައިމިވާ ގޮތުގެމަތިން ކަންތައްތައް ހަމަޖައްސައި، އެއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދަންވާނެއެވެ.

    1. ބީލަން ނުވަތަ އަންދާސީހިސާބު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން.
    2. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ވަގުތު ޖެހެންދެން ބަލައިގަނެވޭ ބީލަންތައް، ބީލަމުގެ ސިއްރު ހިފެހެއްޓޭނެގޮތަށް ރައްކާތެރިކަމާއެކު، ބަންދުކުރެވިފައިވާ ސިޓީއުރައިގައި ބެހެއްޓުން.
    3. ބީލަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ޖެހުމުން ބީލަން ބަލައިގަތުން ބަންދުކޮށް ސުންގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައިނުގަތުން.
  • ހުށަހަޅައިފައިވާ ބީލަންތައް ހުޅުވުމަށް ކަނޑައަޅައިފައިވާ ގަޑީގައި އެ ވަގުތު އެ ތަނުގައި ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، ހުށަހަޅައިފައިވާ އެންމެހައި ބީލަންތައް ކަނޑައި ބެލުމަށްފަހު، ބީލަންވެރިން ހުށަހެޅި އަގާއި މުއްދަތު އެނގޭނޭގޮތަށް ލިޔެ ސޮއިކުރުވަންވާނެއެވެ. އަދި ބީލަން ގަބޫލުކުރުމަށް ހުށަހަޅަން ޝަރުޠުކޮށްފައިވާ ލިޔުންތައް ހުރިކަން ނުވަތަ ނެތްކަން މި ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

  • އެކި ފަރާތްތަކަށް ދަޢުވަތުދީގެން ޕްރޮޕޯސަލް (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޓެކްނިކަލް ޕްރޮޕޯސަލުން ފާސްވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު އެފަރާތްތަކުން ހުށަހަޅާ ޕްރައިސް ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑި ޖެހުމާއެކު މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ޕްރޮޕޯސަލްތައް ކަނޑައި ބެލުމަށްފަހު އެފަރާތްތަކުގެ ސޮއި ހޯދަންވާނެއެވެ.

  • އަންދާސީހިސާބު ހުށަހަޅާއިރު، "އަންދާސީހިސާބު ހުށަހަޅާ ފޯމު" ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ބީލަންތަކުގައި އެ ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

  • އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ކުރާ ކަންތައްތަކުގައި، އާންމުކޮށް ބީލަމަށް ހުޅުވާލުން ލާޒިމެއް ނޫނެވެ. ނަމަވެސް، އަންދާސީހިސާބުތައް ނުވަތަ ކޯޓޭޝަންތައް ބަލައިގަންނާނޭ ނުވަތަ ހުށަހެޅޭނޭ އެންމެފަހުގެ ތާރީޚަކާއި ވަގުތެއް ކަނޑައަޅައި، އެފަރާތްތަކަށް އެކަން އެންގުމަށްފަހު އެވަގުތެއް ޖެހުމުން އަންދާސީހިސާބު ނުވަތަ ކޯޓޭޝަންތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ހުޅުވައި ބެލުމަށްފަހު، އެ މަޢުލޫމާތު ރިކޯޑުކޮށް އެފަރާތްތަކުގެ ސޮއި ހޯދަންވާނެއެވެ.