ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.23 ޚާއްޞަ އެހީގެ ފައިސާ
  • ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އަންނަނިވި ޙާލަތްތަކުގައެވެ.

    1. އެ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ޙާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖުތިމާޢީ މަޞްލަޙަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ ޢަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނަ ޙާލަތްތަކުގައި؛ ނުވަތަ
    2. މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދަތިކަމަކުން އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތް ކޮށްދިނުމަކީ މުޖުތަމަޢުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަޞްލަޙަތު އެ ކަމުގައި ހިމެނިގެންވާ ކަމަކަށް ވުމުގެ އިތުރަށް، އެ ޙާލަތުގައި އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތް ކޮށްދިނުމަކީ އެންމެ ޢަދުލުވެރި، އިންޞާފުވެރި ގޮތް ކަމަށް ސަރުކާރަށް ފެންނަ ޙާލަތްތަކުގައި.
  • މި މާއްދާގެ (ހ) ގެ ދަށުން ޚާއްޞަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ފިނޭންސް މިނިސްޓަރަށެވެ.

  • ދައުލަތުގެ އޮފީހަކުން، އެހީގެ ފައިސާ ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅާނީ، އެ އެ އޮފީހެއްގެ އެންމެ މަތީ ވެރިޔެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާއެވެ. އަދި އެގޮތުން ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމަނަންވާނެއެވެ. މީގެ ތެރޭގައި، އެހީގެ ފައިސާ ހޯދަން އެދެންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީހަކުން، އެހީގެ ފައިސާ ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންވާނެއެވެ.

  • އެހީގެ ފައިސާ ޚަރަދުކުރެވޭނީ އެ އަހަރެއްގެ ބަޖެޓުގައި އެފަދަ ކުއްލި ކަންކަމަށް ޚަރަދުކުރުމަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސުން ފައިސާ ދޫކުރުމުންނެވެ.

  • އެހީގެ ފައިސާ ދޫކުރެވޭނީ އެ ފައިސާ ލިބުމަށް އެދޭ ދައުލަތުގެ އޮފީހުގެ އެ އަހަރުގެ ބަޖެޓުގައި މިފަދަ އެހީ ދިނުމަށް ފައިސާ ކަނޑައެޅިފައި އޮވެގެންނެވެ. ނުވަތަ މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅައި، އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެންނެވެ. މިގޮތަށް އެ އަހަރެއްގެ ބަޖެޓުން ފައިސާ ހަމަޖެހެން ނެތްނަމަ، އެފަދަ އެހީއެއްގެ ގޮތުގައި ފައިސާ ދޭންވާނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

  • ގިނަ މީހުންނަށް ނުވަތަ ފަރާތްތަކަކަށް ލިބޭ ގެއްލުމެއް ނުވަތަ ކުރިމަތިވާ ދަތި ޙާލަތަކާ ގުޅިގެން ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީއެއްގެ ގޮތުގައި އެ މީހުންނަށް ނުވަތަ ފަރާތްތަކަށް އެހީއެއް ވެދިނުމަށް ސަރުކާރުން ނިންމާ ޙާލަތުގައި، އެ އެހީ ލިބިދެވޭނެ މީހުން ނުވަތަ ފަރާތްތަކާއި، އެހީ ލިބިދިނުމާ ގުޅޭ ތަފުސީލު އުސޫލުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

  • އެހީގެ ފައިސާ ޚަރަދުކުރަންވާނީ، ދައުލަތުގެ ފައިސާ ޚަރަދުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.