ފައިސާ ޚަރަދުކުރުމަށްޓަކައި ޕޭމަންޓް ވައުޗަރު ތައްޔާރުކުރާނީ ހިސާބު ބަލަހައްޓާ މުވައްޒަފެކެވެ.
ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ، އެކަމާގުޅޭ ލިޔުންތައް ފުރިހަމަކޮށްފައިވާނަމައެވެ.
ޕޭމަންޓް ވައުޗަރު ހަދަންވާނީ މުދާ ނުވަތަ ޚިދުމަތް ލިބިފައިވާކަމުގެ ލިޔުން އޮތްތޯ ބަލައި، އިންވޮއިސްގައިވާ އަގުތަކާއި ޕަރޗޭސް އޯޑަރު ނުވަތަ ސަރވިސް އޯޑަރު ނުވަތަ ކޮންޓްރެކްޓްފަދަ ގުޅުންހުރި ލިޔުންތަކާ އަޅާބަލައި ހިސާބުތައް ޗެކުކޮށް ރަނގަޅުތޯ ބެލުމަށްފަހުގައެވެ. ޕޭމަންޓް ވައުޗަރު ތައްޔާރުކުރަންވާނީ މި ގަވާއިދުގެ MG/BC04 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.
ޕޭމަންޓް ވައުޗަރު ތައްޔާރުކުރުމުގައި، އެ ޕޭމަންޓް ވައުޗަރަކުން ކުރާ ޚަރަދަކާ ގުޅޭ ޞައްޙަ ހުރިހާ ލިޔުމެއް ޕޭމަންޓް ވައުޗަރާއެކު ހިމަނަންވާނެއެވެ.
ޕޭމަންޓް ވައުޗަރު ހަދާއިރު، މި މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ އިތުރަށް ޕޭމަންޓް ވައުޗަރާއެކު ހުންނަންޖެހޭ ހުރިހާ ލިޔުންތައް ހަމައަށް ހުރިތޯއާއި، އެ ލިޔުންތައް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.
ޕޭމަންޓް ވައުޗަރު ތައްޔާރުކުރި މުވައްޒަފު ނޫން އެހެން މުވައްޒަފަކު ޕޭމަންޓް ވައުޗަރާއި، ޗެކު ހަދާފައިވަނީ ރަނގަޅަށްތޯ ޗެކުކުރަންވާނެއެވެ. ޗެކުކުރާ މުވައްޒަފު ބަލަންޖެހޭ ކަންތައްތަކުގެ ފޯމު (ޗެކު ލިސްޓު) މި ގަވާއިދުގެ MG/BC06ގައި ވާނެއެވެ. ޕަބްލިކް އެކައުންޓިންގް ސިސްޓަމް މެދުވެރިކޮށް ޕޭމަންޓް ވައުޗަރ ހުށަހަޅުއްވާ ދައުލަތުގެ އޮފީސްތަކުން މި ޗެކު ލިސްޓް ފުރިހަމަކުރުމުން އިސްތިސްނާވެގެންވެއެވެ.
ޕޭމަންޓް ވައުޗަރަށް ހުއްދަ ހޯދުމަށްފަހު ޚަރަދާބެހޭ މަޢުލޫމާތު ލިޔެ ބަޖެޓް ބާކީކުރަންވާނެއެވެ.
ޕޭމަންޓް ވައުޗަރުން ޚަރަދުކުރުމަށް ހުއްދަކުރެވެންދެން ފައިސާ ޚަރަދުކުރުމުގެ ވައުޗަރާއި ޗެކުތައް ހުންނަންޖެހޭނީ ފައިސާ ބަލަހައްޓާ މުވައްޒަފުގެ ހަވާލުގައި ރައްކާތެރި ތަނެއްގައެވެ.
ފައިސާ ޚަރަދުކުރުމަށް ޕޭމަންޓް ވައުޗަރުން ހުއްދަދީ ޗެކުގައި ސޮއިކުރުމަށްފަހު ލަސްނުކޮށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތަކާ ފައިސާ ހަވާލުކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ފައިސާ ހަވާލު ނުކުރެވިއްޖެނަމަ، ޗެކުތައް ބަހައްޓަންވާނީ ތިޖޫރީގައި ނުވަތަ މި ގަވާއިދުގައި ބުނާ ރައްކާތެރި ތަނެއްގައެވެ.
ދައުލަތުގެ އޮފީސްތަކަށް އެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް (އިންވޮއިސްއެއް ނުވަތަ ބިލެއް) ދައްކަންޖެހޭ ފައިސާގެ ބިލުގައި މައްސަލައެއް ނެތްނަމަ، ބިލު ލިބޭތާ ލަސްވެގެން ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ބިލުގައި މައްސަލައެއް އޮތްނަމަ، ބިލު ލިބުނު ތާރީޚުކަމުގައި ބަލާނީ އެ މައްސަލައެއް ހައްލުކުރުމަށްފަހު ބިލު ލިބުނު ތާރީޚެވެ.
ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ލިޔުމެއް (އިންވޮއިސްއެއް ނުވަތަ ބިލެއް) ގެ އަސްލު ގެއްލިއްޖެނަމަ، ކޮޕީ ލިޔުމަކަށް ފައިސާ ދެއްކޭނީ އެ ލިޔުމެއްގެ އަސްލު ގެއްލިފައިވާ ކަމަށާއި، ކުރިން ފައިސާ ދެއްކިފައިނުވާކަމަށް އެކަން ޗެކުކުރި މުވައްޒަފާއި ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފު އެކަން ބަޔާންކޮށް ސޮއިކުރުމުންނެވެ.