ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި، ހިސާބު ބެލެހެއްޓުން

6.24 އެޑްވާންސް ފައިސާ ޚަރަދުކުރުން
  • އެޑްވާންސް ފައިސާ ދޫކުރެވޭނީ ތިރީގައިމިވާ ކަންކަމަކަށެވެ.

    1. ސަރުކާރުގެ އާންމު ޚިދުމަތްތަކަށާއި ކެޕިޓަލް ޚަރަދުތަކަށް ވަގުތީގޮތުން ދޭންޖެހޭ ފައިސާ ދިނުމަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށާއި، ރާއްޖެއިން ބޭރުގައި ހިނގާ ސަރުކާރުގެ އޮފީސްތަކުގެ ޚަރަދުތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް.
    2. ކުރިން ވިސްނައިގަންނަން ނުވަތަ ރާވަން ނޭނގޭ، އަދި ކުއްލިއަކަށް ދިމާވާ ބޭނުމަކަށް ދައުލަތުގެ ފައިސާ ދޫކުރަންޖެހޭފަދަ ހާލަތެއްގައި ފައިސާ ދޫކުރުމަށް.
    3. ޤާނޫނު ހުއްދަކުރާ ގޮތެއްގެމަތިން އެހެން އެއްވެސް ޕަބްލިކް ފަންޑަކުން ފައިސާ ދޫކުރެވެން ނެތް ހާލަތެއްގައި ފައިސާ ދޫކުރުމަށް.
  • އެޑްވާންސް ފައިސާ ޚަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދައެއް ލިޔުމަކުން ލިބިގެން އެ ލިޔުމުގައިވާ ގޮތުގެމަތިންނެވެ.

  • އެޑްވާންސް ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ ކަމަކަށް ފިޔަވައި އެހެން ކަމަކަށް އެ ފައިސާއެއް ޚަރަދެއް ނުކުރެވޭނެއެވެ.

  • އެއްވެސް ހާލަތެއްގައި، އެޑްވާންސް ފައިސާގެ ގޮތުގައި ޚަރަދުކުރުމަށް މިނިސްޓަރު ހުއްދަދީފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެއެވެ.

  • އެޑްވާންސްގެ ގޮތުގައި ވީހާވެސް މަދުން ފައިސާ ނެގޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ މާލީޒިންމާދާރުވެރިން ބަލަންވާނެއެވެ. އަދި އެ ފައިސާ އަނބުރާ ލިބުމުން ވަގުތުން ހިސާބުތަކުގައި ހިމަނަންވާނެއެވެ.

  • އެޑްވާންސް ފައިސާ ޚަރަދުކުރުމުގައިވެސް ޢަމަލުކުރަންވާނީ، ދައުލަތުގެ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.