ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.19 މަޞްލަޙަތު ގުޅިފައިވާ ކަންތައްތަކުގައި މެންބަރުން ޢަމަލުކުރަންޖެހޭ ގޮތް
  • މެންބަރަކަށް، ނުވަތަ މެންބަރެއްގެ ގާތްތިމާގެ މީހަކަށް، ނުވަތަ މެންބަރަކާއެކު މަސައްކަތްކުރާ މީހަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ކުރާނެ ކަމެއް ނިންމުމަށް ނެޝަނަލް ޓެންޑަރ ބޯޑަށް ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވާނަމަ، ތިރީގައިމިވާ ގޮތުގެ މަތިން އެ މެންބަރަކު ޢަމަލުކުރަންވާނެއެވެ.

    1. ނެޝަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ޖަލްސާގެ އެޖެންޑާ ލިބުމުން، މެންބަރަކާ ގުޅުމެއްހުރި އައިޓަމެއް އެޖެންޑާކޮށްފައިވާނަމަ، އެ ޖަލްސާއެއްގައި އެ މެންބަރަކު އެކަން ހާމަކުރުން. ނުވަތަ ނެޝަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ސަމާލުކަމަށް އެފަދަ ކަމެއް އަތުވެއްޖެނަމަ، މަޞްލަޙަތު ފުށުއަރާ މެންބަރަކު އެ ކަމެއް ހާމަކުރުން.
    2. މެންބަރަކާ ގުޅުންހުރި ކަމަކާ ބެހޭގޮތުން ބާއްވާ ބައްދަލުމަކަށް ހާޒިރުވިކަމުގައިވިޔަސް، އެ މެންބަރަކާ ގުޅުންހުރި ކަމަކާ ބެހޭގޮތުން މަޝްވަރާކުރާ އިރު އަދި ގޮތެއް ނިންމާ އިރު ޖަލްސާގައި ބައިވެރިނުވުން.
  • އަމިއްލަ މަޞްލަޙަތާ ގުޅިފައިވާ ކަމެއް ޖަލްސާއެއްގައި މެންބަރަކު ހާމަކޮށްފިނަމަ، އެ ޖަލްސާއަކީ މި ގަވާއިދުގައި ބުނެވިފައިވާގޮތަށް މެންބަރެއްގެ އަމިއްލަ މަޞްލަޙަތާ ގުޅުންހުރި ކަމެއް ހުށަހެޅުނު ބައްދަލުވުމެއްކަމަށް، ނުވަތަ އެ ބައްދަލުވުމުގައި މެންބަރެއްގެ މަޞްލަޙަތުހުރި ކަމެއް ހިމެނޭތީ މެންބަރަކު އެކަން ބަޔާންކޮށް ވޯޓުދިނުމުގައި ބައިވެރިނުވާ ބައްދަލުވުމެއްކަން އެނގޭގޮތަށް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ލިޔަންވާނެއެވެ.