ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.18 ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު
  • ދައުލަތުގެ އޮފީހަކަށް، ފަހުން އަގު ދައްކާގޮތަށް، ދައުލަތުގެ އޮފީސްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކަށް ތަކެތި ދޭނަމަ ނުވަތަ ޚިދުމަތް ދޭނަމަ، އެކަމެއް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ. އަދި ފަހުން އަގު ދައްކާގޮތަށް، ތަކެތިދޭ ނުވަތަ ޚިދުމަތްދޭ ފަރާތްތައް އެ އޮފީހެއްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީހަކުން ތަކެތި ނުވަތަ ޚިދުމަތެއް އެއްވެސް ފަރާތަކަށް ދީފިނަމަ، އެފަރާތަކަށް އެތަކެތި ނުވަތަ އެ ޚިދުމަތެއް ލިބުނުކަމަށް އެތަކެތި ނުވަތަ އެ ޚިދުމަތް ލިބުނުފަރާތުގެ ސޮއި ވަގުތުން ހޯދަންވާނެއެވެ.

  • މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ތަކެތި ނުވަތަ ޚިދުމަތް ލިބުނުކަމުގެ ލިޔުން ނުވަތަ ސޮއި ލިބުމުން ލަސްނުކޮށް ޚިދުމަތް ލިބިގަތް ފަރާތަށް ބިލު ހަދަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުން ހަދާ ބިލު ނުވަތަ އިންވޮއިސްގައި ސޮއިކުރަންވާނީ މާލީޒިންމާދާރުވެރިޔާ ނުވަތަ މާލީޒިންމާދާރުވެރިޔާ ހަމަޖައްސާ މުވައްޒަފުންނެވެ.

  • ދައުލަތުގެ އޮފީސްތަކުން އެކި ފަރާތްތަކަށް ދޭ ޚިދުމަތް ނިމެމުންދާވަރަކުން ނުވަތަ ޚިދުމަތްދީ ނިމުމުން ކަނޑައަޅާފައިވާ އުސޫލަކުން ބިލު ހަދަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުން ހަދާ ބިލަށް ފައިސާ ދައްކަން ކަނޑައަޅާ މުއްދަތުގައި ފައިސާ ނުދައްކައިގެން ޖޫރިމަނާއެއް ނަގާގޮތަށް ހަމަޖައްސާނަމަ، ބިލު ހަދާއިރު ބިލުގައި އެކަން އެނގޭގޮތަށް އޮންނަންވާނެއެވެ.

  • ސަރުކާރުގެ އެއްތަނުން އަނެއް ތަނަށް ހަދާ ބިލުގައި ފައިސާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮތްނަމަވެސް، އެ މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާވާގޮތަށް ބިލު ހަދައިގެން ނުވާނެއެވެ. މިނޫން ގޮތަކަށް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެ ލިޔުމަކުން ހުއްދަ ހޯދައިގެން ނުވަތަ ޤާނޫނަކުން އެގޮތަށް ހަމަޖެހިގެންނެވެ.

  • ފައިސާ ދެއްކުމުގެ ކުރީގައި ބިލުގެ އަސްލު ގެއްލިއްޖެނަމަ، އެ ބިލުގެ ނަކަލެއްކަން އެނގޭގޮތަށް ބިލެއް ހަދައިދެވިދާނެއެވެ. މިގޮތުން ހަދާ ބިލުގެ ކޮޕީގައި ބިލުގެ އަސްލު ގެއްލިގެން ނަކަލެއް ހަދައިދީފައިވާކަމަށް ލިޔެ، ބިލުގައި ސޮއިކުރުމުގެ ހުއްދަ އޮންނަ މީހަކު ސޮއިކުރަންވާނެއެވެ.

  • ބިލެއް ނުބައިކޮށް ލިޔެވިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ ބިލު ބާޠިލުކުރަން ޖެހިއްޖެނަމަ، ބިލުގެ އަސްލާއި ކޮޕީއާއެކު ހީރަސްޖަހައި، ބާޠިލުކުރި ސަބަބު ލިޔެ، ވެރިޔަކު ސޮއިކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކަށް ފޮނުވާ ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު ކަމުގައި އާންމު ގޮތެއްގައި ޖަހަންވާނީ ބިލު ހަވާލުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހެވެ.

  • ދައުލަތުގެ އޮފީސްތަކަށް ހަދާ ބިލުގެ ރަޖިސްޓަރީއެއް ބަލަހައްޓަންވާނެއެވެ. މި ރަޖިސްޓަރީގައި ތިރީގައިވާ މަޢުލޫމާތު ހުންނަންވާނެއެވެ.

    • ބިލު ނަންބަރު
    • ބިލުގެ ތާރީޚު
    • ބިލުގައިވާ ފައިސާގެ އަދަދު
    • ބިލު ހެދުނު ފަރާތް
    • ބިލު ހަވާލުކުރި ތާރީޚު
    • ފައިސާ ދައްކަންވާ ތާރީޚު
    • ފައިސާދެއްކި ތާރީޚު