ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.51 އެންމެ ރަނގަޅު ޓެންޑަރ ހޮވުމާއި، ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމުން
  • އެންމެ ރަނގަޅު ޓެންޑަރ ހޮވުމުގައި ބަލަންވާނީ، އެ ބީލަން ވަޒަންކުރުމަށް ދަޢުވަތު ކަރުދާހުގައި ކަނޑައެޅިފައިވާ ގޮތްތަކަށެވެ.

  • ކޮންޓްރެކްޓް ހަވާލުކުރުމަށް ނިންމަންވާނީ، އެ ބީލަން ވަޒަންކުރުމުގެ ރިޕޯޓުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ހުއްދަދިނުމަށް ކަނޑައެޅިފައިވާ ފަރާތުން ހުއްދަ ލިބުމުންނެވެ.

  • އެންމެ ރަނގަޅު ޓެންޑަރ ކަނޑައެޅުމަކުން ނުވަތަ ހޮވުމަކުން، ދެފަރާތުން އެއްބަސްވުމެއް ހެދުނީކަމަށް ބަލައިގެން ނުވާނެއެވެ. ނަމަވެސް، އެފަރާތަކަށް އެކަމެއް ހަވާލުކުރުމަށް ނިންމީކަމަށް ބެލެވިދާނެއެވެ.

  • ކޮންޓްރެކްޓް ހަވާލުކުރަން ނިންމަންވާނީ، ކޮންޓްރެކްޓް ލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ޚަލާޞްކޮށްފައިވާކަން ނުވަތަ އެ ފައިސާ ދެއްކުމަށް ދައުލަތާއެކު އިތުރު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާ ފަރާތެއްކަން ލިޔުމުން ކަށަވަރު ކުރުމަށްފަހުގައެވެ.