ދައުލަތުގެ އަހަރީ ބަޖެޓް ތައްޔާރުކުރުން

3.06 ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި، ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑާއި، ޓްރަސްޓް ފަންޑާއި، އެޑްވާންސް ފަންޑުގެ އެންމެފަހުގެ ދެލިކޮޕީ ލިބުމުން، ބަޖެޓް އެކުލަވައިލައި، ކުރިޔަށް އޮތް އަހަރުގެ "ދައުލަތުގެ އަހަރީ ބަޖެޓް" ގެ ގޮތުގައި ފާސްކުރުމަށް އެކުލަވައިލެވޭ ބަޖެޓް، މާލީއަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 (ދޭއް) މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

  • ބަޖެޓް ހުށަހަޅާއިރު، އެ ބަޖެޓުގައި، އެ މާލީ އަހަރަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، ވޭތުވެދިޔަ މާލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ކުރެވުނު ހޭދައާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު، އެ ބަޖެޓުގައި ވަކި ސުރުޚީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާންކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނަކަށް ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދުގެ ޚުލާޞާއާއި، ދައުލަތުގެ އަހަރީ ބަޖެޓުން ކައުންސިލްތަކަށް ކުރިޔަށް އޮތް އަހަރަށް ދޭންޖެހޭ އަދަދު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދުތަކުގެ ތަފުސީލު، ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނަންވާނެއެވެ.

  • ދައުލަތުގެ އަހަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ބަޖެޓް ޑެފިސިޓްވާނަމަ، ދައުލަތުން ޑެފިސިޓް ފައިނޭންސްކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ.