ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.01 ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރުގައި ކުރާ ދަތުރުތަކަށްހުއްދަދިނުން
  • ދައުލަތުގެ އެއްވެސް އޮފީހަކުން ރާއްޖެއިން ބޭރަށް ދަތުރެއް ކުރާނަމަ، އެ ދަތުރެއް ކުރަންވާނީ އެ ދަތުރެއް ރާވާ އިސް އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބުމަށްފަހުއެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހުއްދަ ދޫކުރާނީ ދަތުރު ހުއްދައާ ގުޅޭ ޓީ ފޯމު (ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހުއްދަ) ފުރިހަމަކޮށްގެންނެވެ. މި ފޯމު ފުރިހަމަކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައްތަކާއި، އެ ދަތުރު ނިމުމަށްފަހު ހުށަހަޅަންޖެހޭ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. (ނަމޫނާ MG/BC14)

    1. ބަޖެޓުގައި ހިމެނިފައިނުވާ ދަތުރެއް ކުރުމަށް ހުށަނޭޅުން. ބަޖެޓުގައި ހިމެނޭ ދަތުރެއްނަމަ، އެ ދަތުރުގެ ދިގުމިނާއި، އެ ދަތުރުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާއި ސިޔާސަތު ހިމެނުން.
    2. އެހެން އޮފީހަކާ މަޝްވަރާކުރަންޖެހޭ، އަދި އެހެން އޮފީހަކާ ގުޅުންހުރި ކަމެއްކަމަށް ވާނަމަ، އެ ފަރާތަކާ މަޝްވަރާކޮށް ހަމަޖައްސަންޖެހޭ ކަންތައްތައް ގޮސްފައިވާ ހިސާބަކާބެހޭ މަޢުލޫމާތު ހިމެނުން.
    3. އެހެން އޮފީހެއްގެ މުވައްޒަފަކު އެ ދަތުރުގައި ހިމެނޭނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުން.
    4. ދަތުރު ހަމަޖެއްސެން އޮތް އެންމެ ކުރުމަގަކުން ހަމަޖެއްސުމާއި، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭގޮތަށް ބަލައިގެން މީހުން ހިމެނުން.
    5. އެހީ ހޯދުމަށް ކުރި ދަތުރެއްނަމަ، އެ ދަތުރު ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ދަތުރަކުން ލިބުނު އެހީގެ ތަފުސީލު މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުން. އަދި އެކި ދާއިރާތަކާއި ގުޅުންހުރި ޓްރެއިނިންގ ވަރކްޝޮޕެއްނަމަ "އިންސްޓިޓިއުޝަނަލައިޒް" ކުރެވޭނެ ގޮތުގެ ޚުލާޞާއެއް ފޮނުވުން.
  • ރާއްޖެއިން ބޭރުގައި ހުންނަ ދައުލަތުގެ އޮފީހަކުން އެ ޤައުމެއްގެ އެއް މަންޒިލުން އަނެއް މަންޒިލަށް ރޭގަނޑު މަޑުކުރަންޖެހޭ ގޮތަށް ދަތުރުކުރާނަމަ، އެ ދަތުރެއް ކުރަންވާނީ އެ ދަތުރެއް ރާވާ އޮފީހެއްގެ މާލީޒިންމާދާރުވެރިޔާގެ ހުއްދަ ލިބުމަށް ފަހުގައެވެ.