ދައުލަތުގެ މުދާ

11.23 ނީލަމަށް ތަކެތި ފޮނުވުމާއި، ނީލަންކިޔުން
  • ދައުލަތުގެ މުދާ ނީލަންކިޔާނެ ނިޒާމެއް ސަރުކާރުން ޤާއިމުކޮށްފައިވާ ރަށްރަށުގައި، ދައުލަތުގެ މުދާ ނީލަންކިޔަންވާނީ އެ ނިޒާމު މެދުވެރިކޮށެވެ.

  • މި މާއްދާގެ (ހ) ގައިވާފަދަ ނިޒާމެއް ޤާއިމުކޮށްފައިނުވާ ރަށްރަށުގައި ދައުލަތުގެ މުދަލެއް ނީލަންކިޔާނަމަ، އެ ރަށެއްގައި ނީލަންކިޔައިގެން ވިއްކާލެވިދާނެއެވެ. މިގޮތަށް އެ އޮފީހަކުން އަމިއްލައަށް ނީލަމުގައި ތަކެތި ވިއްކާނަމަ، ނީލަން ބާއްވާ ދުވަހުގެ ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ކުރިން އާންމުކޮށް އިޢުލާންކުރަންވާނެއެވެ.

  • ކޮންމެ ތަނެއްގައި ނީލަންކީކަމުގައިވިޔަސް ނީލަންކިޔުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ނީލަންކިޔާ ތަކެތީގެ ހިސާބު ބަލަހައްޓަންވާނެއެވެ. އަދި ނީލަމަށް ފޮނުވޭ ތަކެތީގެ ހިސާބުތައް، ތަފުސީލު އެނގޭގޮތަށް އެ އޮފީހަކުން ލިޔެ ބަލަހައްޓަންވާނެއެވެ.

  • ނީލަންކިޔުމަށް ފޮނުވާ ތަކެތީގެ ތެރެއިން، ސަރުކާރުން ޤާއިމުކޮށްފައިވާ ނިޒާމަކުން ގަބޫލުނުކުރާ ތަކެތި އެ އޮފީހަކުން ވިއްކާލައިގެން އަގެއް ލިބޭނެކަމަށް މާލީޒިންމާދާރުވެރިޔާއަށް ފެންނަނަމަ، އެފަދަ ތަކެތި ނީލަންކިޔުމުގެ ބަދަލުގައި، އެ އޮފީހެއްގައި ބަހައްޓައިގެން ގަންނަން އެދޭ ފަރާތެއްވޭތޯ ބަލައި، އެ އޮފީހަކުން ވިއްކާލާނީއެވެ.

  • ނީލަމަށް ފޮނުވާ ތަކެތީގެ ތެރެއިން ވަކި ބައިބައިގެ ގޮތުގައި ބައި (ލޮޓް) ތަކަކަށް ބަހައިގެން ނީލަން ކިޔާ ތަކެތީގެ ހިސާބު ނެގުމަށްފަހު، އެ ބައި (ލޮޓް) ތަކަށް ބަދަލުގެނެސް ހަދައިގެން ނުވާނެއެވެ.

  • ނީލަންކިޔަން ބޭނުންވާ ތަކެތި، އެ މުދާ ހުރި ތަނަކުން ބޭރަށް ގެންދިޔުމުގެ ކުރިން ތަކެތީގެ އަދަދާއި، ބާވަތް އަދި އިންވެންޓަރީ ކޯޑު ނަންބަރު އެނގޭގޮތަށް ފޮތެއްގައި ނުވަތަ ކަމާބެހޭ ފޯމުގައި ލިޔެ، އެ މަސައްކަތް ކުރި މުވައްޒަފުގެ އިތުރުން، މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ މުވައްޒަފަކު އެތަކެތި ޗެކުކޮށް ސޮއިކުރަންވާނެއެވެ. އަދި އެ ތަކެތި ނީލަމަށް ފޮނުވުމަށް ނިންމާނީ، އެ ތަނެއްގައި ހުންނަ މާލީޒިންމާދާރުވެރިޔާ ނުވަތަ އެކަމަށް މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ފަރާތަކުން ބަލާ ޗެކުކުރުމަށްފަހު، އެ ތަކެތި ނީލަމަށް ފޮނުވުމަށް ނުވަތަ އެތަކެތި ނީލަމުގައި ވިއްކާލުމަށް ނިންމިކަމަށް މާލީޒިންމާދާރުވެރިޔާ ސޮއިކުރުމުންނެވެ.

  • އެއްފަހަރު ނީލަންކިޔައިގެން ނުވިކޭ ތަކެތި، ދެވަނަފަހަރު ނީލަންކިޔައިގެންވެސް ނުވިކިއްޖެނަމަ، މި ގަވާއިދުގެ 11.24 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މުދަލެއް ނައްތާލާނީއެވެ.

  • ދައުލަތުގެ އޮފީސްތަކުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރުވާ މަސައްކަތްތަކަށް ނުވަތަ ސީދާ އެ ތަނަކުން ކުރާ އެކިއެކި ޚާއްޞަ މަސައްކަތްތަކަށް ބޭނުންކޮށްފައިވިޔަސް، އަލުން ބޭނުންހިފޭކަހަލަ ތަކެއްޗާއި ބޭނުންނުކޮށް އިތުރުވެފައި ހުންނަ ތަކެތި ލަސްނުކޮށް ނީލަމުގައި ވިއްކާލަންވާނެއެވެ. ތަނުގައި ބަހައްޓައިގެން އޭގެ ބޭނުން ފަހުން ހިފިދާނެ ތަކެއްޗާއި، މެޝިނަރީއާއި، އިކުއިޕްމަންޓާއި، ޓޫލްސް އަދި މަސައްކަތްކުރަން ގެންގުޅޭ އެހެނިހެން ސާމާނު މީގެތެރޭގައި ނުހިމެނެއެވެ.