ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.43 ބީލަންކުރުމުގެ މަރުޙަލާތައް
  • ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ޝޯޓުލިސްޓްކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ބީލަމުގެ ކަންތައް ކުރާ ދައުލަތުގެ އޮފީސްތަކުން ބަލަހައްޓަންވާނެއެވެ.

  • ބީލަމަށް ތައްޔާރުކުރެވިފައިވާ ބީލަންފޮތް ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވިއްކިދާނެއެވެ. ބީލަންފޮތުގެ އަގު ކަނޑައެޅުމުގައި އާންމުގޮތެއްގައި ބަލަންވާނީ، ބީލަންފޮތް ޕްރިންޓްކޮށްގެން ނުވަތަ ކޮޕީ ހައްދައިގެން ވިއްކުމަށް ހިނގާނޭ ޚަރަދުތަކުގެ މައްޗަށެވެ. އަދި މީގެ އިތުރުން އެ ބީލަމެއްގެ ޑިމާންޑަށް ބަލާފައި ބީލަންފޮތް ވިއްކާ އަގަށް ބަދަލެއް ގެނެވިދާނެއެވެ.

  • ބީލަމުގައި ބައިވެރިވުމަށް ޕްރީ-ކޮލިފައިވެފައިވާ ނުވަތަ ޝޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކެއް ވަނީނަމަ، އެފަރާތްތަކަށް ބީލަންފޮތް ދޫކުރަންވާނީ އެއްވަގުތެއްގައެވެ.

  • ބީލަން ހުށަހެޅުމުގެ ސުންގަޑި ކަނޑައެޅުމުގައި، އެ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކަށް ބީލަންފޮތް ލިބިގަތުމަށާއި، ބީލަން ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދޭންވާނެއެވެ.

  • ބީލަންފޮތް ފުރިހަމަކޮށްގެންނާއި އެނޫން ގޮތްގޮތުން ބިޑު ހުށަހެޅުމަށް ދެވޭނެ އެންމެ ކުރު މުއްދަތު، ތިރީގައި މިވަނީއެވެ. މުއްދަތު ގުނަން ފަށާނީ، ދަޢުވަތު ދޭ ދުވަހުން ފެށިގެންނެވެ.

    1. އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 60 (ފަސްދޮޅަސް) ދުވަހާ ދެމެދުގެ މުއްދަތެއް.
    2. ވަކި ފަރާތްތަކަކަށް ހުޅުވައިލެވޭ ބީލަމެއްގައި، ބިޑު ހުށަހެޅުމަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހާއި 30 (ތިރީސް) ދުވަހާ ދެމެދުގެ މުއްދަތެއް.
    3. ކޯޓޭޝަން ހޯދައިގެން ކުރާ ކަންތައްތަކުގައި ކޯޓޭޝަން ހުށަހެޅުމަށް 1 (އެކެއް) ދުވަހާއި 7 (ހަތެއް) ދުވަހާ ދެމެދުގެ މުއްދަތެއް.
  • މި މާއްދާގެ (ބ) ގައިވާ ގޮތަށް ބީލަންކުރުމުގެ މުއްދަތު ކަނޑައެޅުމުގައި، އެ ބީލަމަކަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކަށާއި، ހުށަހަޅަންޖެހޭ ލިޔުންތަކަށާއި، އެކި ކަންތައްތަކުގެ ތަފުސީލު ބޭނުންވާ މިންވަރަށާއި، ބީލަމުގެ ބާވަތާއި ބީލަން ހުށަހެޅުމަށް ތައްޔާރުކުރަންޖެހޭނެ މަޢުލޫމާތުތަކަށް ރިޢާޔަތްކުރަންވާނެއެވެ.

  • ސަރުކާރުން ޙާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، މި ގަވާއިދުގެ 10.26 ގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައެޅުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާގޮތަށް ޢަމަލުކުރުން ލާޒިމެއް ނޫނެވެ. މިގޮތަށްހުޅުވައިލާން ބޭނުންވާ ބީލަމުގެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން، އެ މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

  • ބީލަމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގައި، ތިރީގައިމިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

    1. ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި، ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއް ސާފުކޮށްދިނުމުގެ ގޮތުން ޕްރޮޖެކްޓްގެ ބާވަތަށް ބަލައި ޕްރީ-ބިޑް ބައްދަލުވުމެއް އިންތިޒާމުކުރެވިދާނެއެވެ.
    2. ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
    3. މަސައްކަތްކުރުމަށް ވަކި ތަނެއް ކަނޑައެޅިފައިވަނީނަމަ، އެތަނަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެނެގަތުމަށްޓަކައި އެތަނަކަށް ދިޔުން ނުވަތަ ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެވިދާނެއެވެ.
    4. ބީލަމުގެ އަގު، މި ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑެތި މަސައްކަތާއި، ހޯދާ ޚިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތި ހޯދުމުގައި ބިޑް ސެކިއުރިޓީއަކާއި ޕަރފޯމަންސް ގެރެންޓީ ނަގަން ޖެހޭނެއެވެ. ނަމަވެސް މި ގަވާއިދުގެ 10.25 (ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުން) އަދި 10.27 ގެ ދަށުން ކުރުވާ މަސައްކަތާއި، ހޯދާ ޚިދުމަތްތަކާއި (ކޮންސަލްޓެންސީ ނުހިމަނައި)، ތަކެތީގެ ބީލަންތަކުގައި ބިޑް ސެކިއުރިޓީ ނެގުން ލާޒިމްނޫނަސް ޕަރފޯމަންސް ގެރެންޓީ ނަގަން ލާޒިމްވާނެއެވެ.
    5. މި މާއްދާގެ (އ) ގެ 4 ގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ވާންޖެހޭނީ، ސަރުކާރުން ޤަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެ މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއަކަށެވެ.
    6. މި މާއްދާގެ (އ) ގެ 4 ގައި ބަޔާންކޮށްފައިވާ ބިޑް ސެކިއުރިޓީއަކީ، ކުރުވާ މަސައްކަތްތަކާއި، ހޯދާ ޚިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތި ހޯދުމަށް އެ އޮފީހަކުން އަންދާޒާ ކޮށްފައިވާ އަގުގެ 0.05% އާއި %1 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތައާއި އެކެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ. އަދި ޕަރފޯމަންސް ގެރެންޓީއަކީ، ކުރުވާ މަސައްކަތްތަކާއި، ހޯދާ ޚިދުމަތާއި (ކޮންސަލްޓަންސީ ނުހިމަނައި)، އަދި ތަކެތީގެ ބީލަންތަކުގެ ކޮންޓްރެކްޓް އަގުގެ %2 އާއި %10 (ދޭއް އިންސައްތައާއި ދިހައެއް އިންސައްތަ) އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެއެވެ.
  • ބީލަމަކާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމާއި، ސައިޓްވިޒިޓުގެ މަޢުލޫމާތު، ބީލަމަށް ދޫކުރެވޭ ބީލަންފޮތުގައި ނުވަތަ މަޢުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބީލަމަށް އާންމުކޮށް ކުރެވޭ އިޢުލާނުގައި އޮންނަންވާނެއެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޕްރީ-ބިޑް ބައްދަލުވުމަށް ނުވަތަ ސައިޓްވިޒިޓަށް ދިޔުން ކޮންމެހެން ލާޒިމެއް ނޫނެވެ.

  • ބީލަމުގައި ދޫކުރެވޭ ބީލަންފޮތާއި ޑްރާފްޓް ކޮންޓްރެކްޓުގައި އެ ބީލަމެއްގެ ޞައްޙަކަން ދެމިގެންދާނެ މުއްދަތު (ބިޑް ވެލިޑިޓީ ޕީރިއަޑް) ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި އެ ބީލަމަކަށް ބޭނުންވާ ޕަރފޯމަންސް ސެކިއުރިޓީއާއި އެޑްވާންސް ޕޭމަންޓް، އަދި ގެރެންޓީއާބެހޭ މަޢުލޫމާތު ހިމަނަންވާނެއެވެ.