ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.77 ދައުލަތުގެ ޕްރޮކިއުމަންޓުގައި އިސްކަންދިނުމުގެ ސިޔާސަތު ކަނޑައެޅުން

އިޤްތިޞާދީގޮތުން ނުވަތަ އިޖުތިމާޢީގޮތުން ނުވަތަ އެހެނިހެން ގޮތަކުން ލިބިދާނެ ފައިދާއަކަށް ރިޢާޔަތްކޮށް، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތުތަކެއް، ދައުލަތުގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހަށް ކަނޑައެޅިދާނެއެވެ. މިގޮތުން، ކަނޑައަޅާ ސިޔާސަތުތަކަށް ޢަމަލުކުރަން ފަށާނީ މިނިސްޓްރީން އެ ސިޔާސަތުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

# ޖަދުވަލު 1

# ހުއްދަދެވޭ ދަރަޖަތަކާއި، އެ ދަރަޖަތަކަށް ހުއްދަދެވޭ ފަރާތްތަކާއި، އަދި އެޑްވާންސް ފައިސާއާއި، ރިޓެންޝަން ފައިސާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސް ކަނޑައެޅޭނެ މިންވަރު

ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމުގައި، ހުއްދަދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި، ހުއްދަދެވޭނެ އަދަދާއި، ހުއްދަދެވޭނެ ފަރާތް ތިރީގައި މިވަނީއެވެ.

  1. ޕްރޮކިއުމަންޓެއްގެ އަގު (ތަކެތީގެ އަގާއެކު) -/2,000 (ދެހާސް) ދިވެހިރުފިޔާ ހަމަނުވާ ކަމެއް ކުރުމަށް ހުއްދަދޭނީ، ޕްރޮކިއުމަންޓުގެ ކަންތައް ހިންގުމާ ހަވާލުވެހުރި ޕްރޮކިއުމަންޓް އޮފިސަރެވެ.
  2. ޕްރޮކިއުމަންޓެއްގެ އަގު -/2,000 (ދެހާސް) ދިވެހި ރުފިޔާއިން ފެށިގެން -/35,000 (ތިރީސްފަހެއް ހާސް) ދިވެހިރުފިޔާއަށް ވުރެ ދަށުގެ ކަމެއް ކުރުމަށް މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތަކަށް ހުއްދަ ދެވޭނެއެވެ.
  3. ޕްރޮކިއުމަންޓެއްގެ އަގު -/35,000 (ތިރީސް ފަހެއް ހާސް) ދިވެހި ރުފިޔާއިން ފެށިގެން -/5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނުވާނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ، ބިޑްކޮމިޓީން ނިންމާ ގޮތެއްގެ މަތިން، އެ އޮފީހެއްގެ އެންމެ އިސްވެރިޔާ ނުވަތަ އޭނާ ހުއްދަދީފައިވާ ފަރާތެކެވެ.
  4. ޕްރޮކިއުމަންޓެއްގެ އަގު -/5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.
  5. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/500,000 (ފަސް ލައްކަ) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ، މި ބާބުގެ 10.43 ގެ (އ) ގެ 4 ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.
  6. ޕްރޮކިއުމަންޓްގެ ޖުމުލަ އަގު -/250,000 (ދޭއް ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނަމަ، މި ބާބުގެ 10.67ގެ (ހ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.
  7. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/500,000 (ފަހެއް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނަމަ، ރިޓެންޝަން ފައިސާ އަގުން ކެނޑުމާއި، އަދި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ދަށްނަމަ، އެ ފައިސާ އަނބުރާ ދޫކުރުމުގައްޔާއި ނިމޭ މަސައްކަތަށް އަގު ދިނުމުގައި، މި ބާބުގެ 10.68 ގެ (ހ) ގެ 2.1 ވަނަ ނަންބަރާއި 10.69 ގެ (ހ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.
  8. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ދަށް ނަމަ، މި ބާބުގެ 10.71 ގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލުކޮށް، އަދި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/5,000,000 (ފަހެއް މިލިޔަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި ބާބުގެ 10.71 ގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.
  9. ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/5,000,000 (ފަހެއް މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި ބާބުގެ 10.68 ގެ (ހ) ގެ 2.2 ވަނަ ނަންބަރާއި، 10.69 ގެ (ށ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

# ޖަދުވަލު 2

# ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް

ޕްރޮކިއުމަންޓުގެ ވައްތަރުތަކާއި، މިންގަނޑުތައް ތިރީގައި އެވަނީއެވެ

  1. މި ގަވާއިދުގެ 10.24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެން ތަކެތި ގަނެވޭނީ ނުވަތަ މަސައްކަތެއް ކުރުވޭނީ ނުވަތަ ޚިދުމަތެއް ހޯދޭނީ، އެ ޕްރޮކިއުމަންޓުގެ އަގު -/2,000 (ދެ ހާސް) ދިވެހި ރުފިޔާއާއި، -/35,000 (ތިރީސްފަސްހާސް) ދިވެހިރުފިޔާއާ ދެމެދުގައިވާނަމައެވެ. -/2000 (ދެ ހާސް) ދިވެހި ރުފިޔާއަށްވުރެ ކުޑަ ޕްރޮކިއުމަންޓްތަކުގައި، އެ ވަގުތެއްގައި އެފަދަ ތަކެތި ނުވަތަ ޚިދުމަތް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށް ބަލާއިރު އެކަށީގެންވާ ހޮޔޮއަގަކަށް ލިބޭނަމަ ހޯދިދާނެވެ.
  2. މި ގަވާއިދުގެ 10.31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާގޮތަށް، އާންމުކޮށް ޝާއިޢުކުރާނީ، -/35,000 (ތިރީސް ފަސް ހާސް) ދިވެހި ރުފިޔާއަށްވުރެ މަތީ އަގުގެ ކޮންޓްރެކްޓްތަކެވެ.
  3. މި ގަވާއިދުގެ 10.22 ވަނަ ނަންބަރުގެ (ނ) އާއި، 10.23 ވަނަ މާއްދާގެ (ރ) އާއި، 10.31 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާގޮތަށް، ޓެންޑަރުގައި ހަމައެކަނި ދިވެހިރާއްޖޭގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ފުރުޞަތު ހަނިކުރެވޭނީ، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު -/2,500,000 (ދެ މިލިއަން ފަސް ލައްކަ) ދިވެހި ރުފިޔާއަށްވުރެ ބޮޑުނޫންނަމައެވެ.
  4. މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާގޮތަށް، އެ ޕްރޮކިއުމަންޓަކަށް ލަފާކުރެވިފައިވާ އަގު -/15,000,000 (ފަނަރަ މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ޓެންޑަރަށް ހުޅުވައިލުމުގެ ދަޢުވަތު ބައިނަލްއަޤުވާމީ ފެންވަރުގެ މީޑިޔާއެއްގައި ނުވަތަ ވެބްސައިޓެއްގައި ޝާއިޢުކުރެވިދާނެއެވެ.