ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރުމަށް ހުއްދަދެވޭނެ ފަރާތްތަކާއި، ހުއްދަދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ ލިޔުމަކުން ހުއްދަދެވިފައިވާ އޭނާގެ ދަށުގައިވާ މުވައްޒަފަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި އެ އޮފިސަރަކަށް ހުއްދަދިނުމަށް ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ. 
- މާލީޒިންމާދާރުވެރިޔާ ނުވަތަ އޭނަ ހުއްދަދީފައިވާ ފަރާތުން ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި މާލީޒިންމާދާރުވެރިޔާއަށް ހުއްދަދިނުމަށް ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންނެވެ. 
- އެ އޮފީހެއްގައި ޤާއިމުކުރެވިފައިވާ ބިޑްކޮމިޓީއަށް ޕްރޮކިއުމަންޓުގެ ކަމެއްގައި ހުއްދަދެވޭނީ މި ބާބުގެ ޖަދުވަލު 1 ގައި ބިޑްކޮމިޓީން ހުއްދަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 
- ނޭޝަނަލް ޓެންޑަރ ބޯޑަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރުމަށް ހުއްދަދެވޭނީ، މި ބާބުގެ ޖަދުވަލު 1 ގައި އެ ބޯޑުން ހުއްދަދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 
- މި ގަވާއިދުގެ 10.27 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ. 
- މި ގަވާއިދުގެ 10.25 ގެ (ރ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި "ޤައުމީ ސަލާމަތާބެހޭ" މަޖިލީހުގެ މަޝްވަރާގެ މަތީން ކުރިޔަށް ގެންދިއުމަށް ނިންމިދާނެއެވެ.