މުދާ ގަތުމަށް އޯޑަރުކުރާއިރު އޯޑަރުކުރާ ފޯމެއް ތައްޔާރުކުރަންވާނެއެވެ. އެ ފޯމު ތައްޔާރުކުރަންވާނީ ފުރިހަމަކުރެވިފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެންނެވެ. އަދި ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއްކަމަށް އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިޔުމެއް އޮންނަންވާނެއެވެ. މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކުރާނީ ސްޓޮކް ބަލަހައްޓާ މުވައްޒަފެކެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތަށް ސްޓޮކަށް ތަކެތި ގަތުމަށް މުދަލަށް އޯޑަރުކުރުމަށް ޕްރޮކިއުމަންޓް އޮފިސަރު ނުވަތަ އޮފީހުގެ އިސްވެރިޔަކު ހުއްދަދިނުމުން، މުދަލަށް އޯޑަރުކުރާ ފޯމު (ޕަރޗޭސް އޯޑަރ) މުދާ ވިއްކާ ފަރާތަށް ފޮނުވާނީ ޕްރޮކިއުމަންޓް އޮފިސަރެވެ. މުދަލަށް އޯޑަރުކުރާ ފޯމުގެ ފުރަތަމަ ކޮޕީ އޮންނާނީ ޕްރޮކިއުމަންޓް އޮފިސަރުގެ ހަވާލުގައެވެ. ދެވަނަ ކޮޕީ އެކައުންޓްސް ޑިޕާޓްމަންޓަށް ނުވަތަ ފައިސާގެ ހިސާބުތައް ބަލަހައްޓާ ސެކްޝަނަކަށް ފޮނުވަންވާނެއެވެ.
މުދާ ގަންނަންވާނީ އެ އެއްޗަކީ ހޯދަންޖެހޭ އެއްޗެއްކަމަށް އެ އެއްޗަކަށް އެދުނު ޑިޕާޓްމަންޓެއް ނުވަތަ ސެކްޝަނެއްގެ ވެރިޔެއްގެ ސޮއި އޮތް މުދާ ލިބިގަތުމަށް އެދޭ ފޯމު ސްޓޮކަށް ލިބުމުން އެ އެއްޗެއް ސްޓޮކުގައި ނެތްނަމައެވެ. މިފޯމު ތައްޔާރުކުރަންވާނީ އަސްލާއި 2 (ދޭއް) ކޮޕީ އޮންނަ ގޮތަށެވެ. ( MG/PC01)
ހޯދޭ ތަކެތީގެ ތެރޭގައި ހިމެނޭ، ސްޓޮކަށް ވައްދަންޖެހޭ ތަކެތި މި ގަވާއިދުގެ 11.16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓޮކް ހިސާބުތަކުގައި ހިމަނައިގެން ހިސާބުތައް ބަލަހައްޓަންވާނެއެވެ. އަދި ހޯދޭ ދައުލަތުގެ މުދާ ހަރުމުދަލުގެ ރަޖިސްޓަރީއަށް އަރުވައިގެން ބަލަހައްޓަންވާނެއެވެ. ދައުލަތުގެ މުދަލުގެ ހިސާބުތައް ބަލަހައްޓަންވީ ގޮތް މި ގަވާއިދުގެ 11.03 ވަނަ މާއްދާގައި ވާނެއެވެ.