ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.20 ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތާއި ޒިންމާ މުއައްސަސާތަކަށް ބެހިފައިވާ ގޮތް
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށްގެންދާނޭ ގޮތްތަކާއި ތަފާތު އަގުތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތަކާ ގުޅޭގޮތުން މަސްއޫލިއްޔަތު އުފުލާނެ އޮފީސްތައް ކަނޑައަޅާނީ ތިރީގައިވާ އުސޫލުން މިނިސްޓަރެވެ.

    1. ދައުލަތުގެ އޮފީސްތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި ވަކި ކަމަކަށް ބޭނުންކުރާ ތަކެތި ގަތުމަށާއި، އަދި މަސައްކަތް ކުރުވުމަށާއި ޚިދުމަތް ހޯދުމަށް ވަކި އޮފީހެއް ނުވަތަ އޮފީސްތަކެއް ކަނޑައެޅުން.
    2. މަސައްކަތާއި ތަކެތީގެ އަގު، މި ބާބުގެ ޖަދުވަލު 1 ން ބިޑްކޮމިޓީއަށް އިޚުތިޔާރު ދީފައިވާ މިންގަނޑަށްވުރެ މަތިނުވާނަމަ، އާންމު ބޭނުންތަކަށް ހޯދަންޖެހޭ މި މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގެ ކަންތައްތައް އެ އޮފީހަކުން އަމިއްލައަށް ކުރަމުން ގެންދިޔުން.
    3. މި މާއްދާގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ތަކެއްޗާއި މަސައްކަތްތައް ފިޔަވައި، ތަކެތި ގަތުމާއި މަސައްކަތް ކުރުވުމުގެ އެހެން ހުރިހާ ކަމެއް ކުރަންވާނީ މިނިސްޓްރީގައި އެކަމަށް ހެދިފައިވާ ނިޒާމުގެ ދަށުންނެވެ.
  • ދައުލަތުގެ އޮފީސްތަކުން ޒިންމާވާންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

    1. އަހަރީ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކޮށް، އެ ޕްލޭންގައިވާ ޕްރޮކިއުމަންޓާ ގުޅޭ މަޢުލޫމާތު މިނިސްޓަރު ކަނޑައަޅާ ވަކި އޮފީހަކަށް ނުވަތަ އޮފީސްތަކަށް ފޯރުކޮށްދިނުން.
    2. ކޮންމެ އަހަރަކުވެސް ކުރިޔަށް އޮތް އަހަރަށް އެ އޮފީހަކަށް ހޯދަންޖެހޭ އެންމެހައި ތަކެއްޗަކާއި، ޚިދުމަތްތަކާއި، ކުރުވަންޖެހޭ އެންމެހައި މަސައްކަތުގެ މަޢުލޫމާތު ހިމަނައިގެން އެކަންކަމަށް ބޭނުންވާ ހުއްދަ ހޯދައި، އެކަންތައްތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުން.
  • ޕްރޮކިއުމަންޓުގެ ކަންތައްތައް ހިންގާ ދައުލަތުގެ ކޮންމެ އޮފީހެއްގައި، އެތަނަކުން ހިންގާ ޕްރޮކިއުމަންޓުގެ ކަންތައްތަކުގައި މަސްއޫލުވެ ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅަންވާނެއެވެ. އަދި ދިމާވާ މައްސަލަތަކުގައި އެފަރާތަކުން ޒިންމާވާންޖެހޭނެއެވެ.