ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.23 ވަކި ބަޔަކަށް ނުވަތަ ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން (ރެސްޓްރިކްޓެޑް ޓެންޑަރިންގ)
  • ރެސްޓްރިކްޓެޑް ޓެންޑަރިންގއަކީ އާންމުކޮށް އިޢުލާނުކުރުމަކާ ނުލައި އެކަމަކަށް އެކަށީގެންވާ ފަރާތްތަކެއްގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ސީދާގޮތެއްގައި ދީގެން އެ އޮފީހަކަށް ބޭނުންވާ ތަކެތި ގަތުމާއި، ކުރުވަން ބޭނުންވާ މަސައްކަތް ކުރުވުމާއި، ހޯދަން ބޭނުންވާ ޚިދުމަތް ހޯދުމެވެ.

  • ރެސްޓްރިކްޓެޑް ޓެންޑަރިންގގެ މަޤުޞަދަކީ މި ގަވާއިދުގެ 10.38 ވަނަ މާއްދާގެ ދަށުން އާންމުކޮށް އިޢުލާނުކުރިނަމަވެސް އިތުރު ވާދަވެރިކަމެއް ނުވަތަ ހެޔޮއަގެއް ނުލިބޭނެކަމަށް ބެލެވޭ ހާލަތްތަކުގައި ވާދަވެރިކަން ނުގެއްލި އެކަށީގެންވާ އަގެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމެވެ.

  • ރެސްޓްރިކްޓެޑް ޓެންޑަރިންގގެ އުސޫލުން ޢަމަލުކުރާނީ ތިރީގައިމިވާ ހާލަތްތަކުގައެވެ.

    1. ހޯދަން ބޭނުންވާ ތަކެތި ލިބެންހުރީ ނުވަތަ ކުރަން ބޭނުންވާ މަސައްކަތެއް ކުރެވެންހުރީ މަދު ނުވަތަ ވަކި ފަރާތްތަކަކުން ކަމުގައިވުން.
    2. މި ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ހާލަތެއް މެދުވެރިވުން.
  • މި މާއްދާގައި ބުނެފައިވާ ގޮތަށް ވަކި ފަރާތްތަކަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދޭއިރު މި ބާބުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޓެންޑަރުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.

  • "ރެސްޓްރިކްޓެޑް ޓެންޑަރިންގ" ގެ އުސޫލުން ތަކެތި ނުވަތަ ޚިދުމަތް ހޯދާނަމަ ނުވަތަ މަސައްކަތް ކުރުވާނަމަ، އެކަމަކަށް ހުއްދަ ދޭނީ މި ގަވާއިދުގެ 10.09 ގައިވާ ގޮތުގެ މަތިންނެވެ.