ދައުލަތުގެ މުދާ

11.17 ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން
  • ސްޓޮކަށް ތަކެތި ހޯދަންވާނީ އެ އޮފީހެއްގެ މަސައްކަތަށް ބޭނުންވާ އަދަދަކަށް ބޭނުންވާ މިންވަރަކަށެވެ. މިގޮތަށް ތަކެތި ހޯދުމުގައި އެކި ސެކްޝަންތަކުން އެ ސެކްޝަނެއްގެ މަސައްކަތަށް ކޮންމެހެން އެވަގުތަކަށް ބޭނުންވާ އަދަދަށް ތަކެތި ހޯދުމަށް ސަމާލުކަންދޭންވާނެއެވެ.

  • މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެތަނަކަށް ބޭނުންވެގެން ހޯދުމަށް އެދޭ ތަކެއްޗަކީ އެތަނެއްގެ މަސައްކަތް ހިންގުމަށް ނުވަތަ އެ އޮފީހަކުން ހިންގަންޖެހޭ ނުވަތަ އުފައްދަންޖެހޭ އެއްޗަކަށް ބޭނުންވާ ތަކެތިތޯ ބެލުމާއި، ތަކެތި ހޯދުމަށް ހުއްދަދިނުމަކީ އެ ސެކްޝަނެއްގެ އިސްވެރިޔެއްގެ މަސްއޫލިއްޔަތެކެވެ. ތަކެތި ހޯދުމަށް އެދޭނީ " މުދާޚިދުމަތް ލިބިގަތުމަށް އެދޭ ފޯމު" ންނެވެ. ( (MG/PC01
    މުދާ ލިބިގަތުމަށް އެދޭ ފޯމު
    މުދާ ލިބިގަތުމަށް އެދޭ ފޯމަކީ، ޑިޕާޓްމަންޓަކުން ނުވަތަ ސެކްޝަނަކުން ނުވަތަ ވަކި މުވައްޒަފަކު އޮފީހުގައި ކުރާ މަސައްކަތަކަށް ސްޓޮކުން އެ އެއްޗެއް ނެގުމަށްޓަކައި ފުރާ ފޯމެކެވެ. މި ފޯމު އޮންނަންވާނީ އަސްލާއެކު ދެކޮޕީއެވެ.

  • ސްޓޮކުގައި އާންމުކޮށް ހުންނަ ތަކެތި އެކަށީގެންވާވަރަށްވުރެ މަދުވުމުން އަލުން ހޯދުމަށް އެދެންވާނީ "މުދާ ގަންނަން އެދޭ ފޯމު" ންނެވެ. (MG/PC03)
    މުދާ ގަންނަން އެދޭ ފޯމު
    މި ފޯމަކީ އެކިއެކި ޝެކްޝަންތަކުން ސްޓޮކުން ތަކެތި ނެގުމަށް ނުވަތަ ތަކެތި ހޯދުމަށް އެދުމުން މުދާ ބޭނުންވާވަރަށް ސްޓޮކުގައި ނެތިއްޖެ ހިނދެއްގައި ނުވަތަ މުޅިން އައު އެއްޗެއް ހޯދާނަމަ ލިޔަންޖެހޭ ފޯމެކެވެ. މި ފޯމުގައި ތަކެއްޗަށް އެދި ސޮއިކުރަންވާނީ ސްޓޮކާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ. މި ފޯމު އޮންނަންވާނީ އަސްލަކާއި ކޮޕީއެކެވެ.

  • މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ސްޓޮކަށް މުދާ ގަތުމަށް އެދޭ ފޯމު ލިބުމުން، އެދޭ ތަކެއްޗަށް ހުއްދަދޭންވާނީ ބޭނުންވާ ތަކެތި ހޯދޭވަރަށް ބަޖެޓުގައި ފައިސާ ހުރިތޯ ބަލައި، ހޯދަން އެދޭ ތަކެތި އެކަށީގެންވާވަރަށްވުރެ ސްޓޮކުގައި މަދުވާނަމަ، ކޮންމެހެން ބޭނުންވާވަރަށެވެ.

  • މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ބެލުމަށްފަހު މުދާ ގަތުމަށް އޯޑަރުކުރަންވާނީ މި ގަވާއިދުގެ 10.59 ވަނަ މާއްދާގެ (ހ) ގައިވާ "މުދަލަށް އޯޑަރުކުރާ ފޯމު" ންނެވެ. MG/PC02))

  • ސްޓޮކަށް ތަކެތި ހޯދުމަށް ފުރަންޖެހޭ "މުދާ ގަންނަން އެދޭ ފޯމު" ފުރަންވާނީ، އަދި އެ ފޯމުގައި ސޮއިކުރަންވާނީ ސްޓޮކާ ހަވާލުވެ ހުންނަ އިސް މުވައްޒަފެކެވެ. މި ފޯމު ފުރުމަށްފަހު އެ ފޯމުގެ އަސްލު ޕްރޮކިއުމަންޓާބެހޭ ބަޔާ ހަވާލުކުރާނީއެވެ. ސްޓޮކަށް ހޯދާ ތަކެތި ގެނައުމުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

    1. މުދަލަށް އޯޑަރުކުރާ ފޯމުގައިވަނީ މުދާ ލިބިގަތުމަށް އެދޭ ފޯމުގައިވާ މުދާތޯ ބެލުން.
    2. ލިބިފައިވާ މުދަލަކީ މުދަލަށް އޯޑަރުކުރި ފޯމުގައިވާ މުދާތޯ ބެލުން.
    3. ލިބިފައިވާ މުދަލާއެކު ބިލެއްވާނަމަ، އެ ބިލުގައިވަނީ ލިބިފައިވާ މުދާތޯ ބަލައި ޗެކުކުރުން.
    4. މި މާއްދާގެ (ޅ) ގެ 1، 2، އަދި 3 ގައިވާ ކަންތައްތައް ޗެކުކޮށް ބެލިބެލުމުގައި އެއްވެސް މައްސަލައެއް ވާނަމަ، މުދަލަށް އޯޑަރުކުރި ފޯމުގައި ނުވަތަ މުދާ ބަލައިގަތް ނޯޓުގައި އެކަން ބަޔާންކުރުމަށްފަހު ފައިސާއާބެހޭ މަސައްކަތްކުރާ ފަރާތާ ހަވާލުކުރުން.