ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި، ބަލައިގަތުމާއި އަދި ބެލެހެއްޓުން

5.22 އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ
  • އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްއަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

  • އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެއްކުމަށްޓަކައި ފުރަންޖެހޭ ފޯމުގެ އިތުރަށް، ޖަމާކުރާ ފައިސާގެ ތަފުސީލު (ބައިތަކަށް ބެހިފައިވާ ގޮތަށް) ބަޔާންކޮށްފައިވާ ފޯމެއްގެ 1 (އެކެއް) އަސްލާއި 1 (އެކެއް) ކޮޕީ، ފައިސާއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި ފޯމުގެ އަސްލާއި ކޮޕީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސޮއިކުރުވައި، ތައްގަނޑު ޖެއްސުމަށްފަހު، ފޯމުގެ އަސްލު، ފައިސާ ދެއްކި އޮފީހަށް ގެންނަންވާނެއެވެ.

  • އާމްދަނީގެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދައްކާއިރު ހުށަހަޅަންޖެހޭ "އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާ ފޯމު" ތައްޔާރުކުރާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ MG/RV03 ގައި ވާނެއެވެ.

  • އަތޮޅުތަކުގައި ހިންގާ ދައުލަތުގެ އޮފީސްތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިސާ ޖަމާކުރާ އޮފީސްތަކުން، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ފޯމު ގައިވާ ހުރިހާ ބައިތަކެއް ފުރިހަމަކުރުމަށްފަހު ފައިސާ ޖަމާކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

  • އަތޮޅުތަކުގެ އޮފީސްތަކުގެ ތެރެއިން ބޭންކް މެދުވެރިކޮށް ފައިސާ ޓްރާންސްފަރކުރާ އޮފީސްތަކުން ފައިސާ ޓްރާންސްފަރކުރުމުގައި، "އަތޮޅު ތެރެއިން ބޭންކް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާ ފޯމު" MG/RV04ގައިވާ ނަމޫނާ އާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު، ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރކުރާނީއެވެ. މި ފޯމު ތައްޔާރުކޮށް ފައިސާ ޓްރާންސްފަރކުރާއިރު، އެ އޮފީހެއްގެ ހަވާލުގައި ހުންނަ އެހެނިހެން އޮފީސްތަކުގެ ފައިސާ ޓްރާންސްފަރކުރުމުގައި، ކޮންމެ ތަނަކަށް ވަކި ފޯމެއް ތައްޔާރުކުރަންވާނެއެވެ. އަދި ފައިސާ ޓްރާންސްފަރކުރާނީ އެތަނެއްގެ އާމްދަނީއަށް އެ ފައިސާއެއް ވަންނާނެ ގޮތުގެމަތިން އެތަނަކާ ގުޅައިގެން ކޯޑުތައް ސާފުކުރުމަށްފަހުގައެވެ.

  • ދައުލަތުގެ އޮފީސްތަކުން "ޕަބްލިކް ބޭންކް އެކައުންޓް" އަށް ޓްރާންސްފަރކުރާ ފައިސާގެ "ޓްރާންސްފަރ ކުރާ ފައިސާގެ ޓްރާންސްފަރ ފޯމުގެ ރަޖިސްޓަރ" އެއް MG/RV06ގައި ނަމޫނާ އާ އެއްގޮތަށް ބަލަހައްޓަންވާނެއެވެ.

  • ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު ލިބޭ ފައިސާއާއި، އޭގެ ކުރީގައި ލިބި ޖަމާނުކުރެވި ހުރި ފައިސާ، އެދުވަހު އެ ފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.

  • ޑިސެންބަރުމަހުގެ 31 ވަނަ ދުވަހަކީ ބަންދު ދުވަހެއްނަމަ، ދެން ހުޅުވޭ ދުވަހު މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.