ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އާންމު ބައިތައް

12.13 ހިސާބުތަކަށް ބަދަލުގެނައުން
  • ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި ހިސާބުއަދަދުތަކުގައި ޖެހިފައި ހުންނަ ކުށްތައް އިޞްލާޙުކުރަންވާނީ ޖާރނަލް ވައުޗަރެއް ހަދައިގެންނެވެ. ޖަރނަލް ވައުޗަރުގެ ނަމޫނާ MG/BC17ގައި ވާނެއެވެ. ޖަރނަލް ވައުޗަރު ހަދަންޖެހޭ އާންމު ހާލަތްތައް ތިރީގައި މިވަނީއެވެ.

    1. ހިސާބުއަދަދުތަކުގައި ޖެހިފައިހުންނަ ކުށްތައް އިޞްލާޙުކުރުމަށް.
    2. ސަސްޕެންސް އެކައުންޓުގައިވާ އެންޓްރީތައް ރަނގަޅު އެކައުންޓަށް ބަދަލުކުރުމަށް.
    3. ޑިޕޮސިޓްކުރާ ފައިސާ ރެވެނިއު ކޯޑަށް ބަދަލުކުރުމަށް.
    4. އެއްފަންޑުން އަނެއް ފަންޑަށް ފައިސާ ބަދަލުކުރުމަށް.
    5. ދައުލަތުގެ އެއްއޮފީހަކުން އަނެއް އޮފީހަކަށް ފޯރުކޮށްދޭ ޚިދުމަތުގެ އަގު އަދާކުރުމަށް.
    6. އާމްދަނީގެ އައިޓަމެއްގެ ގޮތުގައި ދައުލަތުގެ އެއްއޮފީހަކުން އަނެއް އޮފީހަކަށް ދައްކަންޖެހޭ ކުލި، ޗާޖަސް ނުވަތަ ފީ ބަދަލުކުރުމަށް.
  • ދައުލަތުގެ އޮފީސްތަކުގެ ހިސާބުތައް ލިޔަމުންދާއިރު ޖެހޭ ކުށްތައް ނުވަތަ ހިސާބުތައް ނިންމުމުގެ ކުރިން ފެންނަ ކުށްތައް މި ގަވާއިދުގެ 1.04 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޖަރނަލް ވައުޗަރަކާ ނުލައި އިޞްލާޙުކުރަމުން ގެންދެވިދާނެއެވެ.

  • ދައުލަތުގެ އޮފީސްތަކުގެ މާލީއަހަރެއްގެ ހިސާބުތައް ނިންމުމުގައި އެކައުންޓުތަކަށް ގެނެވޭ ބަދަލުތައް ނުވަތަ އިޞްލާޙުތައް ގެންނަންވާނީ ޖަރނަލް ވައުޗަރަކުންނެވެ. އަދި ޖަރނަލް ވައުޗަރުތައް ބެލެންސްކުރަންވާނެއެވެ.

  • ޖަރނަލް ވައުޗަރ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ފައިނޭންޝަލް ކޮންޓްރޯލަރ ތައްޔާރުކުރަންވާނެއެވެ. މީގެ ތެރޭގައި ވައުޗަރު ފުރިހަމަކުރުން، ޗެކުކުރުން، ހުއްދަދިނުން، އަދި ޕޯސްޓްކުރުން ހިމެނެއެވެ.