ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.34 ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ބެލުން
  • ބީލަމަކަށް ހުޅުވާލެވޭ ޕްރޮޖެކްޓެއްގެ މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ، އެކަމެއް ކުރުމުގެ ޤާބިލުކަމާއި އެކަމެއް އެންމެ އެދެވޭގޮތުގައި ކުރުމުގެ ވަސީލަތްތައް ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ ގޮތުން، އެ ބީލަމަކަށް އެކަށީގެންވާގޮތަށް ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ހުނަރުވެރިކަމާއި، ޤާބިލުކަމާއި، ފެންވަރު ބަލާނޭ ކްރައިޓީރިއާއެއް ބީލަންކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ.

  • ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުނަރުވެރިކަމާއި ޤާބިލުކަމާއި ފެންވަރު ބަލާނޭ ކްރައިޓީރިއާ ބީލަމުގެ މަޢުލޫމާތުދޭ ކަރުދާހުގައި ނުވަތަ އިޢުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭޝަން ޑޮކިއުމަންޓުގައި ނުވަތަ އެ ބީލަމަކާ ބެހޭ ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން ފެންވަރު ބެލުމުގެ ކްރައިޓީރިއާ ތައްޔާރުކުރުމުގައި ތިރީގައިމިވާ ބައިތައް ހިމެނިދާނެއެވެ.

    1. ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު
    2. މާލީވަސީލަތްތަކާއި، ޤާބިލުކަމާއި، ހާލަތު
    3. އިކުއިޕްމަންޓާއި، އެހެނިހެން ވަސީލަތްތައް
    4. މުވައްޒަފުންނާއި، ހިންގުމުގެ ފެންވަރު
    5. ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު
    6. މިހާރު ކުރަމުންދާ މަސައްކަތްތަކާއި، އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު، އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން.
    7. ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ އެކަމެއް.
    8. ރާއްޖޭގައި ރަޖިސްޓްރީކުރެވި އަދި ހޯދަންޖެހޭ ލައިސަންސް ހޯދާފައިވާ ފަރާތެއްނަމަ އެކަން، ނުވަތަ ބީލަމުގައި ބައިވެރިވާ ފަރާތަކީ އެފަރާތެއް ނިސްބަތްވާ އަމިއްލަ ޤައުމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެކަން.
  • ބީލަމަށް ހުޅުވާލެވޭ އިޢުލާނުގައި ނުވަތަ ޕްރީ-ކޮލިފިކޭޝަން ޑޮކިއުމަންޓުގައި ނުވަތަ މަޢުލޫމާތުދޭ ކަރުދާހުގައި ނުވަތަ އެ ބީލަމަކާ ބެހޭ ބިޑް ޑޮކިއުމަންޓުގައި، ބީލަމުގައި ބައިވެރިވެވޭ ފަރާތްތަކުގެ ފެންވަރު ބަޔާންކޮށްފައި އޮތުމާއެކު، އެފަރާތުގެ ފެންވަރު ދެނެގަތުމުގެގޮތުން ހުށަހަޅަންޖެހޭނޭ ލިޔުންތަކާއި އެހެނިހެން މަޢުލޫމާތުތައް ބަޔާންކުރަންވާނެއެވެ.

  • ދައުލަތުގެ އޮފީހަކުން ހުޅުވައިލާ ބީލަމެއްގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ބެލުމުގައި، މި ގަވާއިދުގެ 10.40 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހޮވޭ ފަރާތްތަކަކީ ކޮންޓްރެކްޓް ހަވާލުކުރަން އެކަށީގެންވާ ޤާބިލު ފަރާތްތަކެއް ކަމުގައި ޕްރީ-ކޮލިފައި ކުރެވިދާނެއެވެ.

  • ޚިދުމަތް ހޯދުމަށް ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ފެންވަރު ބެލުމަށް މި ގަވާއިދުގެ 10.42 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޝޯޓްލިސްޓްކުރުމުގެ މަރުޙަލާއެއް ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން ޝޯޓްލިސްޓްކުރަންވާނީ ބީލަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހާމަކުރުމަށް އެދި ކުރެވޭ އިޢުލާނުގައި ނުވަތަ މަޢުލޫމާތުދޭ ކަރުދާހުގައި ނުވަތަ ބިޑް ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.