ދައުލަތުގެ މުދާ

11.25 ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދު
  • ދައުލަތުގެ އުޅަނދުގެ ގޮތުގައި، ދައުލަތުގެ ނަމުގައި ރަޖިސްޓަރީކުރެވިގެން ދައުލަތުގެ އޮފީސްތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑާއި، ވައިގެމަގުން ދުއްވާ އުޅަނދުފަހަރު ހިމެނޭނެއެވެ.

  • ދައުލަތުގެ އުޅަނދުތަކުގައި ރަޖިސްޓަރީކުރެވިފައިވާ ދައުލަތުގެ އޮފީހުގެ ނަން، ނުވަތަ އެ އޮފީހެއްގެ ވަކި ނިޝާނެއް ކަނޑައެޅިފައިވާނަމަ އެ ނިޝާން އެ އުޅަނދުތަކުގައި ޖަހާފައި ހުންނަންވާނެއެވެ.

  • ދައުލަތުގެ އުޅަނދުފަހަރު ބޭނުންކުރަން ފެށުމުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ގޮތެއްގެމަތިން އިންޝުއަރކުރަންވާނެއެވެ. އިންޝުއަރެންސް ކަވަރޭޖުގެ ތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، އެކްސިޑެންޓުތަކާއި، ކަނޑުގަދަވެގެން ލިބޭ ގެއްލުންތަކާއި، ފަރުދަކު ނުވަތަ ބަޔަކު ދޭ ގެއްލުންތަކާއި، ވަގަށް ނެގުމާއި، އެ އެއްޗެއް ބާއްވާފައި އޮއްވައި، ނުވަތަ އުޅަނދެއް ފަޅުގައި އަޅާފައި އޮއްވައި ލިބޭ ގެއްލުންތައް ހިމަނަންވާނެއެވެ.

  • ދައުލަތުގެ އެންމެހައި އުޅަނދުފަހަރު ދައުލަތުގެ މުދަލުގެ ރަޖިސްޓަރީއަށް ހިމަނަންވާނެއެވެ. އަދި އޭގެ އިތުރުން ކޮންމެ އުޅަނދަކާބެހޭގޮތުން ތިރީގައިމިވާ ކަންތައްތައް ކުރާނެ ގޮތުގެ އުސޫލެއް އެ ތަނަކުން އެކުލަވައިލައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަންވާނެއެވެ.

    1. ބަލަހައްޓާނެ ގޮތާއި، ބޭނުންކުރާނެ ގޮތް.
    2. ގަރާޖުކުރާނެ ގޮތް ނުވަތަ ފައްތިޔާކުރާނެ ގޮތް.
    3. އުޅަނދު ބޭނުންކުރެވޭ ގޮތުގެ ރިކޯޑާއި، ތެޔޮ ބޭނުންކުރެވޭ މިންވަރާއި، މަރާމާތުކޮށް ބަލަހައްޓާނެ ގޮތް.
    4. އެއް އޮފީހުން އަނެއް އޮފީހަށް ކުރާ ދަތުރާއި، ކޮށްދޭ މަސައްކަތްތަކަށް އަގުނަގާނެ ގޮތް.