ދަތުރު ޚަރަދާއި، ޖަލްސާތަކާއި ބައްދަލުވުންތަކަށް ކުރާ ޚަރަދު

8.12 ދައުލަތުގެ އޮފީސްތަކުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ގޮތް
  • ދައުލަތުގެ އޮފީސްތަކުން ކަނޑުމަގުން ކުރާ ދަތުރުތަކުގައި ފެރީ ދަތުރުގެ ޚިދުމަތް ލިބެން އޮންނަ ދެރަށެއްގެ ދެމެދުގައި ފެރީގައި ދަތުރުކުރެވެން އޮތް ހާލަތެއްގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ބޭނުންކުރަންވާނީ ފެރީ ދަތުރުގެ ޚިދުމަތެވެ. ފެރީގައި ދަތުރުކުރެވެން ނެތް ހާލަތްތަކުގައި ނުވަތަ ފެރީގެ ޚިދުމަތް ލިބެން ނެތްނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތިން އުޅަނދު ކުއްޔަށް ހިފައިގެން ދަތުރުކުރެވިދާނެއެވެ.

  • އެއްފަސްވެފައިވާ ރަށްރަށުގައި، ދައުލަތުގެ އޮފީސްތަކުން އެއްގަމުމަގުން ކުރާ ދަތުރުތަކަށް ދަތުރުފީ ދޭނީ، އެސަރަޙައްދެއްގައި އެޚިދުމަތެއް ލިބެންހުރި އެންމެ އަގުހެޔޮ ރޭޓަކަށެވެ.

  • އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވައިގެމަގުން ކުރާ ދަތުރުތަކުގެ ދަތުރުފީއަކީ، ދަތުރުކުރާ ވައިގެ އުޅަނދުގެ ޓިކެޓުގެ އަގާއި، އެ ދަތުރެއްގައި ދާން ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ދަތުރުތަކުގެ ދަތުރުފީއަށް ދޭންޖެހޭ ފައިސާއެވެ.