ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.42 ޝޯޓްލިސްޓްކުރުން
  • މި ގަވާއިދުގެ 10.40 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ދައުލަތުގެ އޮފީސްތަކުން ހުޅުވާލާ ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު، އެކަމަކަށް ޝޯޓްލިސްޓްކުރާ ފަރާތްތަކަށް އެކަނި ދޭގޮތަށް ހަމަޖައްސާނަމަ، އެފަރާތްތައް ޝޯޓްލިސްޓްކުރަންވާނީ ތިރީގައިމިވާ ގޮތްތަކަށް ބަލާފައެވެ.

    1. މި ގަވާއިދުގެ 10.23 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެވިފައިވާ ފަދައިން، އެކަމެއް ކުރަނީ މަދު ނުވަތަ ވަކި ފަރާތްތަކަކުން ކަމަށްވުން.
    2. ޝޯޓްލިސްޓްކުރުމުގައި އެކަމެއް ކުރަމުންގެންދާ ތަޖުރިބާހުރި މަދުވެގެން 3 (ތިނެއް) ފަރާތެއް ހިމެނުން.
  • ބީލަމުގައި ބައިވެރިވާ ފަރާތްތައް ޝޯޓްލިސްޓްކުރުމުގައި، އެ ބޭނުންވާ ކަމެއް ފުރިހަމަ ނުކުރެވޭނެކަމަށް ފެންނަ ފަރާތްތައް ޝޯޓްލިސްޓްކޮށްގެން ނުވާނެއެވެ. ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ ބޭނުންވާ މިންވަރަށް ޤާބިލުކަމާއި ފެންވަރާއި ހުނަރުހުރި ބަޔަކަށް ވާންވާނެއެވެ.

  • ބީލަމެއްގައި ބައިވެރިވުމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަކީ އެއްފަރާތަކަށް ނިސްބަތްވާ ނުވަތަ އެއްފަރާތަކުން ކޮންޓްރޯލްކުރާ ފަރާތްތަކަކަށް ވެގެން ނުވާނެއެވެ.