ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.18 ނެޝަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީތަކުގެ ބައްދަލުވުންތައް
  • ނެޝަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވަންވާނީ، ޕްރޮކިއުމަންޓުގެ މަސައްކަތަށް ހުއްދަ ލިބިފައިވާ މިންގަނޑުގެ ބިޑްތަކާމެދު ގޮތެއް ނިންމުމަށާއި، ހަވާލުކޮށްފައިވާ އެއްބަސްވުންތަކަށް ގެނައުމަށް ހުށަހަޅާ ބަދަލުތަކަށް ގޮތެއް ނިންމުމަށާއި، ކަމެއް އަލުން ބަލަން ޖެހިއްޖެ ހިނދެއްގައި އެ ކަމެއް ބެލުމަށެވެ. މިގޮތުން، ބައްދަލުވުންތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައަޅާނީ، ޗެއަރޕަރސަންގެ ލަފާގެ މަތިން ސެކްރެޓޭރިއެޓުންނެވެ.

  • ޗެއަރޕަރސަން ހާޒިރުނުވެއްޖެ ހާލަތެއްގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން އެ ޖަލްސާއަކަށް އެކްޓިންގ ޗެއަރޕަރސަނެއް ހޮވަންވާނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑު އަދި ބިޑްކޮމިޓީގެ ކޯރަމަކީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައެވެ. ނަމަވެސް، އެޖެންޑާކޮށްފައިވާ އައިޓަމަކާ ގުޅިގެން މެންބަރަކު އެ މެންބަރެއްގެ އަމިއްލަ މަޞްލަޙަތާ ގުޅިފައިވާ ކަމެއް ހާމަކޮށްފިނަމަ، އެ އައިޓަމާ ގުޅިގެން މަޝްވަރާކުރުމަށާއި ގޮތެއް ނިންމުމަށް ކޯރަމް ހަމަކުރުމުގައި އެ މެންބަރަކު ހިމަނައިގެން ނުވާނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ ނިންމުމެއް ނިންމަންވާނީ، ޗެއަރޕަރސަން ފިޔަވައި ހާޒިރުވެތިބި މެންބަރުންގެ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، ވޯޓުގެ އަދަދު އެއްވަރުވެއްޖެނަމަ، ވޯޓުގެ އަޣުލަބިއްޔަތު ކަނޑައަޅާނީ ޗެއަރޕަރސަންގެ ވޯޓަކުންނެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅާ ބިޑުތަކާމެދު ގޮތެއް ނިންމުމުގައި ބަލަންވާނީ، އެ ބިޑަކާއެކު ހުށަހަޅައިފައިވާ އެ ބީލަމަކާ ގުޅުންހުރި މަޢުލޫމާތުތަކާއި ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ބިޑުތަކާމެދު ގޮތެއް ނިންމުމުގައި، އެ ހުށަހެޅުމެއް ފާސްވިކަން ނުވަތަ ނުވާކަން ކަނޑައަޅަންވާނެއެވެ. އަދި އެ ހުށަހެޅުމެއް އިޞްލާޙުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭޝަންތަކާއި، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ އިވެލުއޭޝަންތައް ގަބޫލުނުކޮށް އެ ފަރާތަކަށް އަނބުރާ ފޮނުވައިލާނަމަ، އަނބުރާ ފޮނުވައިލަން ޖެހުނު ސަބަބު، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ. މިގޮތުން، އަނބުރާ ފޮނުވައިލައިފައިވާ ހުށަހެޅުމެއް އިޞްލާޙުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީއަށް ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި އިޞްލާޙުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ކަމެއް ފުރިހަމަކުރުމަށް ޝަރުޠުކޮށް، އެ ހުށަހެޅުމެއް ފާސްކުރުމަށް ނިންމިދާނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑާއި ބިޑްކޮމިޓީގެ މަސައްކަތްތަކުގައި އިތުރު ފަރާތްތަކުން ލަފާހޯދަންޖެހޭ ހާލަތްތަކުގައި ބޯޑުން ނުވަތަ ކޮމިޓީން ކަނޑައަޅާ ފަރާތްތަކެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނަމަވެސް، ލަފާދިނުމުގެގޮތުން ބައިވެރިވާ ފަރާތްތަކަށް ބޯޑުގެ ނުވަތަ ކޮމެޓީގެ ނިންމުމެއް ނިންމުމުގައި ވޯޓެއް ނުދެވޭނެއެވެ. އަދި ބޯޑުގެ ނުވަތަ ކޮމެޓީގެ ބައްދަލުވުންތަކުގައި ލަފާދިނުމުގެގޮތުން ބައިވެރިކުރަންޖެހޭ ފަރާތްތައް ބައިވެރިކުރާނީ ހަމައެކަނި އެ ކަމެއްގެ މަޝްވަރާކުރާ ވަގުތުގައި އެކަމަކަށް އެކަންޏެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑުގެ ހުއްދައާއެކު އޮބްޒަރވަރުންނަށާއި، މިނިސްޓްރީ އޮފް ފިނޭންސްގައި ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާ ފަރާތަށާއި، ބޮޑެތި މަޝްރޫޢުތަކުގެ ކޯޑިނޭޓިންގ ކޮމިޓީއަށް، އަދި އެކަމެއް ކުރުމަށް ބޭނުންވާ އޮފީހެއްގެ އެ މަޢުލޫމާތު ދެވޭވަރުގެ އިސް މުވައްޒަފަކަށް ނެޝަނަލް ޓެންޑަރ ބޯޑުގެ ބައްދަލުވުމެއްގައި ބައިވެރިވެވިދާނެއެވެ. ނަމަވެސް، ވޯޓުދިނުމުގައި އެފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑު ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ކޮންމެ ފަހަރަކު އެ ބައްދަލުވުމެއް ކުރިޔަށްދިޔަ ގޮތުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. މި ޔައުމިއްޔާގައި، އެންމެ މަދުވެގެން ވެސް، ތިރީގައިމިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

    1. ބައްދަލުވުމަށް ހާޒިރުވި މެންބަރުންނާއި، ހާޒިރުނުވާ މެންބަރުން؛
    2. އެ ބައްދަލުވުމަށް ހާޒިރުވި އެޑްވައިޒަރުންނާއި، އޮބްޒާވަރުން؛
    3. މެންބަރެއްގެ މަޞްލަޙަތާ ގުޅިފައިވާ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މަޢުލޫމާތު؛
    4. ބައްދަލުވުމަށް ހުށަހެޅިފައިވާ ކަންތައްތަކާއި، އެ ކަންތައްތައް ނިންމި ގޮތުގެ ތަފުސީލު؛
    5. ހުށަހެޅުމެއް ގަބޫލުނުކުރި ސަބަބާއި، ގަބޫލުކުރުމުގައި ކަމެއް ޝަރުޠުކޮށްފައިވާނަމަ އެ ކަމެއް.
    6. ކޮންމެ ހުށަހެޅުމަކާ ގުޅިގެން މަޝްވަރާކުރެވުނު މުހިންމު ކަންތައްތައް. މީގެތެރޭގައި، އެކަމަކާ ގުޅިގެން ދެވިފައިވާ ލަފަޔާއި، މެންބަރުންގެ މެދުގައި އެއްބަސްނުވެވުނު ކަމެއް އޮތް ނަމަ އެ ކަމެއް.
  • ނެޝަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ބައްދަލުވުމެއް ބާއްވާތާ ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ބައްދަލުވުމުގެ ޔައުމިއްޔާއާއި އެ ބައްދަލުވުމުގައި ނިންމައިފައިވާ ކަންތައްތަކުގެ މަޢުލޫމާތު، މެންބަރުންގެ މަޢުލޫމާތަށްޓަކައި ފޯރުކޮށްދޭންވާނެއެވެ. އަދި މީގެ އިތުރަށް ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރާތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެވެ.

  • ކުއްލި ހާލަތެއް ދިމާވެގެން ކޮންމެހެން ނިންމަންޖެހޭ ކަމެއް ނިންމުމަށް އެކަމަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް މެންބަރުންނަށް ފޮނުވައިގެން އެކަމަކާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް ލިޔުމުން ހުށަހަޅައި، މެންބަރުންގެ އަޣުލަބިއްޔަތުން އެކަމެއް ނިންމިދާނެއެވެ. ނަމަވެސް، ނެޝަނަލް ޓެންޑަރ ބޯޑުގެ ނުވަތަ ބިޑްކޮމިޓީގެ ޖަލްސާއަކުން އެކަމެއް ނިންމުމަށް މެންބަރަކު ހުށަހަޅައިފައިވާނަމަ، އެ ކަމެއް ނިންމަންވާނީ ބޯޑުގެ ނުވަތަ ކޮމިޓީގެ ބައްދަލުވުމަކަށް ހުށަހަޅައިގެންނެވެ.

  • އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފެރެންސްކުރެވޭ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބިޑް ކޮމިޓީއާއި ޓެންޑަރ ބޯޑުގެ ބައްދަލުވުންތައް ބޭއްވިދާނެއެވެ. މިފަދަ ބައްދަލުވުންތައް ބާއްވާނޭ ގޮތުގެ އުސޫލެއް ބިޑް ކޮމިޓީއާއި ޓެންޑަރ ބޯޑުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.