ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުން ލައްވައި ކުރުވަންޖެހޭ ޚާއްޞަ ބޮޑެތި މަސައްކަތްތައް ކުރުވާއިރު ކެއުމާއި ސައިދިނުމާއި، ރަމަޟާންމަހުގައި ރޯދަވީއްލުމާއި ހާރުކެއުން ދިނުމަށް ބޭނުންވާނަމަ، ކެއުމާއި ސައިދޭންވާނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި ޝާއިޢުކުރާ ރޭޓުތަކުންނެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކެއުމާއި ސައިދޭނީ ތިރީގައިވާ ގަޑިތަކުގައި މަސައްކަތްކުރާނަމައެވެ.
- ހެނދުނުސައި 06:00 ން 10:00 ށް މަސައްކަތްކުރާނަމަ
- މެންދުރުކެއުން 12:00 ން 14:00 ށް މަސައްކަތްކުރާނަމަ
- ހަވީރުސައި 16:00 ން 18:00 ށް މަސައްކަތްކުރާނަމަ
- ރޭގަނޑު ކެއުން 20:00 ން 22:00 ށް މަސައްކަތްކުރާނަމަ
- އެ ދުވަހެއްގެ 23:00 ގެ ފަހުން މަސައްކަތްކުރާނަމަ، ސައެއް ދެވިދާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަމަޟާންމަހު ރޯދަވީއްލުން ދޭންވާނީ އިރުއޮއްސޭ ގަޑީގައި މަސައްކަތްކުރާނަމައެވެ. ހާރުކެއުން ދެވޭނީ މަސައްކަތް ރޭވިފައިވާ ގޮތުން ދަންވަރު 2:00 އިން 4:00 އަށް މެދުނުކެނޑި މަސައްކަތްކުރާނަމައެވެ.
މި މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅާފައިވާ ވަގުތުތައް ހިމެނޭގޮތަށް މެދުނުކެނޑި މަދުވެގެން 2 (ދޭއް) ގަޑި 30 (ތިރީސް) މިނެޓުއިރު އެ މަސައްކަތެއްގައި ހޭދަނުވާނަމަ، ކެއުމާއި ސައިދޭކަށް ނުޖެހޭނެއެވެ.
މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދޭނަމަ، އެ މަސައްކަތެއްގައި ބައިވެރިވާ މުވައްޒަފުންގެ ނަމާއި މަޤާމު އަދި ކުރި މަސައްކަތް އެނގޭގޮތަށް ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި އެ މަސައްކަތުގައި އެ އޮފީހުގެ މުވައްޒަފަކު ނޫން މީހަކު ނުވަތަ ބަޔަކު ބައިވެރިވެފައިވާނަމަ، އެ މީހެއްގެ ނުވަތަ އެބަޔެއްގެ މަޢުލޫމާތުވެސް ބަލަހައްޓަންވާނެއެވެ.
މި މާއްދާގައިވާ ގޮތަށް ކެއުމާއި ސައިދިނުމަށް ހަމަޖައްސަންވާނީ، ކެއުމާއި ސައިދިނުމަށް ބޭނުންވާ ފައިސާ އެ އޮފީހެއްގެ ބަޖެޓުގައި ކަނޑައެޅިފައިވުމުގެ އިތުރަށް އެ މަސައްކަތަކީ ޚާއްޞަ ބޮޑު މަސައްކަތެއްކަމަށް މާލީޒިންމާދާރުވެރިޔާ ހުއްދަދިނުމުންނެވެ.