ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.22 ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތުދިނުމާއި، އެފަރާތްތައް ޝޯޓްލިސްޓްކުރުން
  • ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (ރިކްއެސްޓް ފޮރ ޕްރޮޕޯސަލް) ދެވޭނީ ފަންނީ ޚިދުމަތް (ކޮންސަލްޓެންސީ ސަރވިސަސް) ހޯދުމަށާއި އެ ޕްރޮޖެކްޓެއްގެ ބާވަތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދިނުމަށެވެ. މިގޮތުން ކަމަށް އެކަށީގެންވާ ފަރާތްތަކެއް ޝޯޓްލިސްޓްކުރުމުގައި އެފަދަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތެއް ހޯދައިދިނުމުގެގޮތުން މި ގަވާއިދުގެ 10.38 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް އިޢުލާނުކޮށް ޝާއިޢުކުރަންވާނެއެވެ. ޝޯޓްލިސްޓްކުރާނީ، ޝައުޤުވެރިކަން ފާޅުކުރާ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) ފަރާތްތަކުގެ ތެރެއިން އެކަމެއްގެ ތަޖުރިބާއާއި ޤާބިލުކަންހުރި އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެވެ. މިގޮތުން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތުދެވޭނެއެވެ.

  • މި ގަވާއިދުގައި، ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަމެއް ކުރިޔަށް ގެންދިޔުމަށް ބުނެފައިނުވާހައި ހިނދަކު، ޚިދުމަތްތައް ހޯދަންވާނީ އާންމުކޮށް ބީލަމަށް ހުޅުވާލައިގެންނެވެ.

  • މި މާއްދާގެ (ހ) ގައި ބުނެވިފައިވާ ގޮތަށް އާންމުކޮށް އިޢުލާނުކުރާ ބީލަންތަކުގައި، މި ބާބުގެ ޖަދުވަލު 2 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ އެ ޕްރޮޖެކްޓެއްގެ އަންދާޒާ އަގު ބޮޑުނުވާނަމަ، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ދިވެހި ކުންފުނިތަކަށް އެކަނި ބައިވެރިވެވޭގޮތަށް ހަނިކުރެވިދާނެއެވެ.