މުސާރައާއި އުޖޫރައާއި ޢިނާޔަތް، އަދި މުވައްޒަފުންނަށް ހިނގާ ޚަރަދު

7.06 ވަޒީފާއިން ނުވަތަ ޚިދުމަތުން ވަކިވުމުން ދޭންޖެހޭ ފައިސާ ދިނުން
  • ވަޒީފާއިން ވަކިވާ މުވައްޒަފުންނަށާއި، އެއް އޮފީހަކުން އަނެއް އޮފީހަކަށް ބަދަލުވާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ގޮތްގޮތުން ދޭންޖެހޭ ފައިސާ، އެ މީހަކު ވަކިވި ނުވަތަ ބަދަލުވި މަހެއްގެ މުސާރަދޭއިރު ދޭންވާނެއެވެ.

  • ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދޭނީ ވަޒީފާއިން ވަކިކުރި ޗިޓުގައިވާ ވަޒީފާއިން ވަކިކުރިކަމަށް ކަނޑައަޅާފައިވާ ތާރީޚާ ހަމައަށެވެ. ނަމަވެސް ޗިޓުގައިވާ ތާރީޚުގައި އެ މުވައްޒަފަކު ވަކިކުރިކަން އެ މުވައްޒަފަކަށް އަންގާފައި ނެތުމުގެ ސަބަބުން އެ މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކޮށްފައިވާނަމަ، އެންމެފަހުން އޮފީހަށް ނުކުމެ ހާޒިރުވިކަމަށް ރިކޯޑުކޮށް މަސައްކަތްކޮށްފައިވާ ދުވަހާ ހަމައަށް މުސާރާއާއި ޢިނާޔަތްތައް ދޭންވާނެއެވެ.

  • އެއްއޮފީހަކުން އަނެއް އޮފީހަކަށް ބަދަލުކޮށްފައިވާ މުވައްޒަފަކަށް އެ މުވައްޒަފަކު ބަދަލުވި ތާރީޚާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ދޭނީ އެ މުވައްޒަފަކު ކުރިން އުޅުނު އޮފީހަކުންނެވެ. ބަދަލުވި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދޭނީ އެ މުވައްޒަފަކު ބަދަލުވި އޮފީހަކުންނެވެ.

  • ސެންޓްރަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން މުސާރަދޭ އޮފީސްތަކުން މުސާރަޝީޓް ތައްޔާރުކުރުމަށްފަހު، މުސާރަ ދިނުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް ޕޭމަންޓް ވައުޗަރު ފޮނުވާފައިވަނިކޮށް އޭގެފަހުން އެ މަހުގެ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އިތުރަށް ދެވިފައިވާ ފައިސާ އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދަންވާނެއެވެ.

  • މަހުގެ އެންމެފަހު ދުވަހަކީ ނުވަތަ ދުވަސްތަކަކީ ބަންދު ދުވަސްތަކަކަށްވާތީ، ބަންދުވުމުގެ ކުރީ ދުވަހު މުސާރަ ދީފައިވަނިކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާއަށް އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދާކަށެއް ނުޖެހޭނެއެވެ.

  • ދައުލަތުގެ މުވައްޒަފަކު ބަންދުވެފައި ހުރުމުގެ ސަބަބުން ބަދަލުގައި މީހަކު ހޯދާނަމަ، ބަދަލުގައި ހޯދާ މީހާގެ މުސާރަ ދޭންވާނީ ބަންދުވެފައި ހުންނަ މީހާގެ މުސާރައިގެ އައިޓަމުންނެވެ.

  • މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން ބަދަލުގައި ހޯދި މީހާއަށް މުސާރަދީފައި ވަނިކޮށް، ބަންދުގައި ހުރި މުވައްޒަފުގެ މައްޗަށް ކުށެއް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ބަންދުގައި ހުރި މުވައްޒަފަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސާނީ އެ އޮފީހެއްގެ މުސާރައިގެ އައިޓަމުންނެވެ. މިގޮތަށް ހަމަޖެއްސެން ނެތްނަމަ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިޔެގެން އެ ފައިސާ ހޯދާނީއެވެ.

  • މުވައްޒަފަކު ވަޒީފާއިން ވަކިވާ މަހު، މުސާރަ ދޭންވާނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް މުސާރައިން ކަނޑާގޮތަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް ކެނޑުމަށްފަހުގައެވެ. މިގޮތުން މުވައްޒަފަކު ދައްކަންޖެހޭ ފައިސާގެ އަދަދު، އެ މުވައްޒަފަކަށް ދޭންޖެހޭ މުސާރައަށްވުރެ ބޮޑުނަމަ، އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ގޮތެއް ހަމަޖެއްސުމަށް ފައިސާ ލިބެންޖެހޭ ފަރާތާއި އެ މުވައްޒަފަކަށް ލިޔުމަކުން އަންގަންވާނެއެވެ.