ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު - ޕްރޮކިއުމަންޓުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތައް

10.45 އިވެލުއޭޝަން
  • ބީލަންތައް އިވެލުއޭޓްކުރުމުގައި ބަލަންވާނީ، ބީލަންފޮތުގައި ނުވަތަ މަޢުލޫމާތު ދިން ކަރުދާހުގައި ނުވަތަ އިޢުލާނުގައި އެ ބީލަމެއް އިވެލުއޭޓްކުރުމަށް ބުނެވިފައިވާ ގޮތާއި ކްރައިޓީރިއާއާ އެއްގޮތަށެވެ. އެނޫން ގޮތެއް ނުވަތަ ކްރައިޓީރިއާއެއް ބީލަންތައް އިވެލުއޭޓްކުރުމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

  • ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކުރާނީ އެ އޮފީހެއްގައި ޤާއިމުކުރެވިފައިވާ އިވެލުއޭޝަން ކޮމިޓީންނެވެ. އެ އޮފީހަކަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު، އިވެލުއޭޝަން ރިޕޯޓު ތައްޔާރުކޮށް އެކަމެއްގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ފަރާތަކަށް ހުށަހަޅަންވާނެއެވެ.

  • ނެޝަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ ބީލަންތައް އިވެލުއޭޓްކުރާނީ، އެ ބޯޑުގެ ސެކްރެޓޭރިއެޓުން އެކުލަވައިލާ ކޮމިޓީއަކުންނެވެ. އެ ބީލަންތަކާމެދު ގޮތެއް ނިންމާނީ އެ ބޯޑުންނެވެ.

  • ހުށަހެޅިފައިވާ ބީލަންތައް އިވެލުއޭޓްކުރުމުގައި އެ ބީލަމަކާ ގުޅޭގޮތުން އިތުރަށް ކަމެއް ނުވަތަ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެކަމެއް ނުވަތަ މަޢުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެ އޮފީހެއްގައި އިވެލުއޭޝަން ކޮމިޓީން އެދެވިދާނެއެވެ. މިގޮތުން ސާފުކުރާ ކަމަކާ ގުޅިގެން ނުވަތަ ލިބޭ މަޢުލޫމާތަކާ ގުޅިގެން، ބީލަންފޮތުގައި ނުވަތަ ބީލަންކުރުމަށް މަޢުލޫމާތު ދިން ލިޔުމުގައި ބުނެވިފައިވާ ގޮތާ ޚިލާފަށް، ހުށަހެޅިފައިވާ ބީލަމެއްގެ އަސްލަށް ނުވަތަ އަސާސަކަށް ނުވަތަ ހުށަހެޅިފައިވާ އަގަކަށް ބަދަލެއް ނުގެނެވޭނެއެވެ.

  • ބޭނުންވެއްޖެ ހިނދެއްގައި، ބީލަމެއްގެ މަސައްކަތް ހަވާލުކުރުމަށް ކަނޑައެޅިފައިވާ ފަރާތުގައި އެ ކޮންޓްރެކްޓެއް އެންމެ އެދެވޭގޮތެއްގައި ފުރިހަމަކުރުމަށް ލިބިފައިވާ ޤާބިލުކަމާއި ބޭނުންވާ ވަސީލަތްތައް ހުރިތޯ ބެލުމުގެ ގޮތުން ބީލަންފޮތުގައި ބުނެވިފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޯސްޓް-ކޮލިފިކޭޝަނެއް ހެދިދާނެއެވެ.

  • އަންދާސީހިސާބުތައް ބަލައި ވަޒަންކުރުމުގައި، އަގާއި މުއްދަތުގެ އިތުރުން ތިރީގައިމިވާ ކަންކަމުގެ މައްޗަށް ބަލަންވާނެއެވެ.

    1. މާލީގޮތުން އެކަން ކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯ.
    2. ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު.
    3. ހުށަހަޅާފައިވާ އަގުތަކާއި، އެ ތަނަކުން އެކަމަކަށް އަންދާޒާކުރާ އަގާ އަޅާބަލާއިރު ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގެއްތޯ.
    4. މީގެކުރިން އެފަރާތަކުން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގާފައިވާ ގޮތާއި، އެކަމެއްގެ ބޮޑުކުޑަމިން.
    5. މިނޫނަސް ހާމަކަންބޮޑު، އިންސާފުވެރި ބީލަމަކަށް ފުރުޞަތު ދެވޭނޭ ގޮތެއްގެމަތިން، އެ ބީލަމަކާ ގުޅޭގޮތުން އެ އޮފީހެއްގެ ޕްރޮކިއުމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނުން ނުވަތަ އިވެލުއޭޝަން ކޮމިޓީން ކަނޑައަޅައިފައިވާ މުހިންމު ކަންތައްތައް.