ދައުލަތުގެ ކޮންމެ އޮފީހަކުން ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ނުވަތަ އެ އޮފީހެއްގެ ޤާނޫނީ ވާޖިބު އަދާކުރުމަށް އެ އޮފީހަކުން ތަންފީޒުކުރަންޖެހޭ ސިޔާސަތު ކަނޑައެޅުމަށްފަހު ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގަންޖެހޭ ހަރަކާތްތައް ކަނޑައަޅަންވާނެއެވެ.
އަންދާޒާ ބަޖެޓުގެ ދެލިކޮޕީއާއި ޕަރފޯމަންސް ޓާގެޓުތައް ތައްޔާރުކުރުމުގައި އެ އޮފީހުގެ ޑިޕާޓްމަންޓްތަކާ ގުޅޭ ހަރަކާތްތަކާ ބެހޭގޮތުން އެ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ޕްރޮޖެކްޓް މެނޭޖަރުން ނުވަތަ ޕްރޮގްރާމުގެ ހަރަކާތްތައް ހިންގާ މުވައްޒަފުންނާ މަޝްވަރާކުރަންވާނެއެވެ.
މިނިސްޓަރު ކަނޑައަޅާ ފޯމެޓަކަށް، އެ އޮފީހެއްގެ ޓާގެޓަޑް އައުޓްކަމްސް، އައުޓްޕުޓް އަދި ޕަރފޯމަންސް އިންޑިކޭޓަރސްއާބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ފޯރުކޮށްދޭންވާނެއެވެ.
މި މާއްދާގެ (ހ) ގައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ކުރިޔަށް އޮތް އަހަރަށް ބޭނުންވާ ބަޖެޓުގެ އަންދާޒާ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރަންވާނެއެވެ.
ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑުގައި ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމާއި އެހެނިހެން ކެޕިޓަލް ޚަރަދުގެ އަންދާޒާގައި ހިމަނަންވާނީ އެ އައިޓަމެއްގެ އަގު އެއިރެއްގައި މިނިސްޓަރު ކަނޑައަޅާ އަދަދަކަށްވުރެ ކުޑަނޫން ނުވަތަ އެ އައިޓަމެއްގެ ލަފާކުރެވޭ 'ވަރކިންގ ލައިފް' 1 (އެކެއް) އަހަރަށްވުރެ ކުރުނޫން އައިޓަމްތަކެވެ.
ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑާއި ލޯންސް އެންޑް ކެޕިޓަލް ވަރކްސް ފަންޑަށް ދައުލަތުގެ ކޮންމެ އޮފީހަކުން ހިއްސާކުރާ މިންވަރުގެ އަންދާޒާއެއް ކުރިޔަށް އޮތް އަހަރަށާއި އިތުރު 2 (ދޭއް) އަހަރަށް ތައްޔާރުކުރަންވާނެއެވެ.
އަންދާޒާ ބަޖެޓުގެ ދެލިކޮޕީ އެ އޮފީހެއްގެ އެންމެ އިސްވެރިއަކަށް ހުށަހަޅައި ހުއްދައާއެކު ބަޖެޓު ސާކިއުލަރގައި ބަޔާންކޮށްފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅަންވާނެއެވެ.
ބަޖެޓާގުޅޭ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ އެއްވެސް އޮފީހެއްގައި އެދިއްޖެނަމަ، އެ މަޢުލޫމާތު ދިނުމަށް އެދިފައިވާ މުއްދަތުގެ ތެރޭގައި އެ މަޢުލޫމާތު ދޭންވާނެއެވެ. މަޢުލޫމާތު ހޯދައި ފޮނުވުމަށް އެދިފައިވާ މުއްދަތަކީ އެ މަޢުލޫމާތު ހޯދައި ފޯރުކޮށްދެވޭނެ މުއްދަތެއް ނޫންނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.
ބަޖެޓާބެހޭ ހުރިހާ ލިޔެކިޔުމެއް ކަރުދާހުގައި ލިޔެގެން ނުވަތަ މިނިސްޓަރު ހުއްދަކުރާ އިލެކްޓްރޯނިކް ފޯމެޓަކަށް ރައްކާކުރެވިފައި ހުންނަންވާނެއެވެ.
އަންދާޒާ ބަޖެޓް ތައްޔާރުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު، މިނިސްޓްރީ އޮފް ފިނޭންސްއިން 1 ޖުލައިގެ ކުރިން ދައުލަތުގެ އޮފީސްތަކަށް ފޮނުވަންވާނެއެވެ. މި މަޢުލޫމާތުގެ ތެރޭގައި އަންދާޒާ ބަޖެޓް ތައްޔާރުކުރުމުގައި ބޭނުންކުރަންވީ އެންމެމަތީ އަދަދު (ބަޖެޓް ސީލިންގ) ހިމަނަންވާނެއެވެ. އަދި ބަޖެޓު ހުށަހަޅަންވީ އެންމެ ފަހުގެ ތާރީޚު ބަޔާންކުރަންވާނެއެވެ.